23 Nov 2015, 15:10
ޓޫރިސްޓު ރިސޯޓް ތަރައްގީކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެމްއެމްޕީއާރްސީން ރާއްޖެ އިން ބޭރުގެ ކުންފުނިތަކަށް ރަށްތައް ދޫކުރުމަށް ފަހު ލިބިފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ޕަބްލިކް ޕްރޮސިކިއުޓާ އާދަމް އާރިފް މިއަދު ސަން އަށް ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ މައްސަލަ އެ އޮފީހަށް ފޮނުވާފައި ވަނީ މިއަދު ކަމަށެވެ.
"މިއަދު މޯލްޑޮވްސް ޕޮލިސް ސާވިސް އިން ވަނީ ޕީޖީ އޮފީހަށް މިދެންނެވި މައްސަލަ ފޮނުވާފައި. ޕީޖީ އޮފީހުން އެ މައްސަލަ މިހާރު ދިރާސާކުރަމުން ދަނީ،" އާރިފް ވިދާޅުވި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ އެމްއެމްޕީއާރްސީއާ ގުޅޭ މައްސަލަތަކުގެ ތަހުގީގު ނިމެމުންދާވަރަކަށް ޕީޖީ އޮފީހަށް އެ މައްސަލަތައް ފޮނުވަމުންދާނެ ކަމަށެވެ.
މިއީ ޒިޔަތުގެ މައްޗަށް ދައުވާކުރަން ފޮނުވި ފުރަތަމަ މައްސަލަ ކަމުގައިވިޔަސް މިއީ އަދީބުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ތިން ވަނަ މައްސަލަ އެވެ.
އަދީބުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ އަނެއް ދެ މައްސަލަ އަކީ ފިސްތޯލަ ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ޕޮލިސް އިންޓެލިޖެންސް މުވައްޒަފުންނަށް އެމަނިކުފާނު ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.