23 Nov 2015, 17:23
ހުންނާނީ ރެއާލް މެޑްރިޑްގެ ޒުވާން ޓީމްގެ ކޯޗްގެ ގޮތުގައި ކަމަށާއި ސީނިއާ ޓީމްގެ ކޯޗެއްގެ ގޮތުގައި ހުންނާނީ ރަފޭލް ބެނިޓޭޒް ކަމަށް ރެއަލްގެ ބީ ޓީމްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ޒުވާން ޓީމްގެ މެޗަކަށް ފަހު ނުސްވެރިންނާ ވާހަކަ ދައްކަމުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ޒިދާން ބުނީ އޭނާ ހުންނާނީ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި ކަމަށާއި ސީނިއާ ޓީމުގައި ބެނިޓޭޒް ހުރުމަކީ ރަނގަޅު ގޮތް ކަމަށެވެ.
ޒިދާން ރެއާލުގައި މަސައްކަތް ކުރަނީ ކޮންމެ ވެސް ދުވަހަކުން ރެއާލްގެ ސީނިއާ ޓީމްގެ ކޯޗަކަށްވުމަށްތޯ ސުވާލު ކުރުމުން އޭނާ ބުނީ (އޭނާ) ހުރީ ޒުވާން ޓީމަށްޓަކައި ކަމަށާއި ޒުވާން ޓީމުގައި މިދިޔަ ސީޒަންގައި އޭނައަށް ކާމިޔާބު ނުލިބުމުން އުންމީދުތައް ފުރިހަމަ ނުވާ ކަމަށެވެ.
އަދި އޭނާ މަސައްކަތް ކުރަނީ ޓާގެޓަކަށް ކަމަށާއި އެޓާގެޓާ ހަމައަށް ވާސިލު ވަންދެން އޭނާ އެގޮތުގައި ހުންނާނެ ކަމަށް ޒިދާން ބުންޏެވެ.
"އަހަރެން އަދި ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި. އެއްވެސް ހަލަތެއްގައި ކޯޗެއްގެ ކިބައިގަ ހުރިހާ ކޮލިޓީއެއް ފުރިހަމަ ނުވާނެ. (ޒުވާން ޓީމުގައި ކުޅުންތެރިނަށް) އަހަރެން އިރުޝާދު މިދެނީ އަހަރެން ކުޅެނު ދުވަސް ވަރު އެނގިފައި ހުރި އެއްޗިހި. އަހަރެން މިދަނީ ކަމަކަށް ފަހު ކަމެއް ދަސް ކުރަމުން. އެއްވެސް ކަމަކަށް އަހަރެން އަވަސްވެ ނުގަންނާނަން" ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދީ އެޓީމުގެ ކެޕްޓަންކަން ކުރި ޒިދާން ބުންޏެވެ.
ޒިދާން މި މޭރުމުން ވާހަކަ ދައްކާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބާސެލޯނާ އަތުން 4-0 ގެ ނަތީޖާއަކުން ރެއާލް ބަލިވި މެޗަށްފަހު ބެނިޓޭޒްއަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
އަދި ރެއާލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ ބެނިޓޭޒް ވަކިކޮށް ރެއާލްގެ ކޯޗްކަމަށް ޒިދާން ނުވަތަ ރެއާލްގެ ކުރިގެ ކޯޗް އިޓަލީގެ ކާލޯ އަންޗޮލޯޓީ ގެނައުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.
ޒިދާން ވަނީ އަންޗޮލެއްޓީގެ ދަށުން ރެއާލްގެ އެސިސްޓެންޓް ކޯޗްކަން ކޮށްފައެވެ.
ބާސެލޯނާއާއި ބްރަޒިލްގެ ކުރީގެ މިޑްފީލްޑާ ރިވާލްޑޯ ވިކްޓާ ބާބޯ ވެސް ވަނީ ރެއާލްގެ ކޯޗް ކަމަށް ޒިދާން ގެނައުމަށް ތާއިދުކޮށް ވާހަކަ ދައްކާފައެވެ.
ރިވާލްޑޯ ބުނީ ރެއާލްގައި މިހާރުވެސް ކޯޗެއް އެބަހުރި ކަމަށާއި ޒިދާން ހުރީ އެކަމަށް ތައްޔާރުވެގެން ކަމަށާއި ބާސާގެ ކޯޗްކަމާ ޕެޕް ގަޑިއޯލާ އަދި ލުއިސް އެންރީކޭ ހަވަލުވި ހެން ޒިދާންއަށް ވެސް ރެއާލްގެ ކޯޗް ކަމާ ހަވާލުވެވޭނެ ކަމަށެވެ.