ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށްވުމަށް އެދި ފޯމް ހުށަހަޅާއިރު، ފިންގާ ޕްރިންޓު ޖަހަން ނުޖެހޭގޮތަށް އޮތް ދުވަސްވަރު ހުށަހެޅި ފޯމްތަކުގައި ފިންގާ ޕްރިންޓު ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެނުމަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށް އިދިކޮޅު އެމްޑީޕީ އާއި ޑީއާރްޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށްފަހު ޑީއާރްޕީގެ ވަގުތީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުހެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް އަދާލަތު ޕާޓީން ތަދައްޚުލްވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހަމައެހެންމެ ޖުމްހޫރީ ޕާޓީން ވެސް އެ މައްސަލައަށް ތަދައްޚުލްވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެ ޕާޓީގެ ކައުންސިލުން އެކަމާ ބެހޭ ނިންމުމެއް އަދި ނިންމާފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ އަޅުގަނޑުމެން ހުރިހާ ޕާޓީތައް ގުޅިގެން ގާނޫނުގެ ތެރެއިން މި މައްސަލައަށް ހައްލެއް ގެނެވިދާނެ ކަމަށް،" ކާނަލް ވިދާޅުވި އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭގޮތުން ކާނަލް ނަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: އަލީ ނަސީރު

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމާ ބެހޭގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ މާއްދާ އިލެކްޝަންސް ކޮމިޝަނުން ނުބައިކޮށް މާނަކޮށްފައިވާ ކަމަށެވެ.

"އެމްޑީޕީއާއި ޑީއާރްޕީއާ އެހެނިހެން ޕާޓީތަކަކީ ވެސް މީގެކުރިން އަމަލުކުރަމުން އައި 2055 ގެ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރެވިގެން ހިންގަމުން އަންނަ ސިޔާސީ ޕާޓީތަކެއް. އެއީ ސައްޚަ ގަވާއިދެއް އެ ގަވާއިދަށް އަމަލުކުރުން މި ހުއްޓުނީ އެ ގަވާއިދަކީ ބާރތިލް ގަވާއިދެއް ކަމަށް އެއްވެސް ކޯޓަކުން ކަނޑަނާޅަނީސް އޭގެ ބަދަލުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަމަލުކުރަން ފެށުމުން،" އަނަސް ވިދާޅުވި އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭގޮތުން އަނަސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: އަލީ ނަސީރު

އަނަސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުމުގެ ސަބަބުން ބައެއް ސިޔާސީ ޕާޓީތައް އޮތީ އުވޭ ހިސާބަށް ގޮސްފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީން 23،000 މެމްބަރުން މަދުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ފޯމްތަކުގައި މިއަހަރު ނިމުމުގެކުރިން ފިންގާ ޕްރިންޓު ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެންގިތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމް ވިދާޅުވީ 3000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވޭނެކަމަށް އެ ކޮމިޝަނުން މީގެކުރިން ވަނީ އަންގާފައި ކަމަށެވެ.