05 Apr 2011, 18:50
އ.ދ. ގެ ސުލްޙަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، އ.ދ. ގެ ޕީސް ސަޕޯޓް އޮޕަރޭޝަންތަކުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށް ކެބިނެޓުން ނިންމެވީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ތައްޔާރުކުރުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވި ކަރުދާހެއްގެ މައްޗަށް، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
"މި ކަރުދާހުގެ މައްޗަށް، މިއަދުގެ ޖަލްސާގައި، މެންބަރުން ވާހަކަފުޅުދެއްކެވުމަށްފަހު، އ.ދ.ގެ ޕީސް ސަޕޯޓް އޮޕަރޭޝަން ތަކުގައި ދިވެހި ސިފައިން ބައިވެރި ކުރެއްވުމާބެހޭގޮތުން ސޮއި ކުރެއްވުމަށް ހަމަޖައްސަވާފައިވާ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގައި ސޮއި ކުރެއްވުމުގެ ކަންތައް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ކުރިއަށް ގެންދެވުމަށް ނިންމެވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ބައިނަލްއަގުވާމީ ސުލްހަ މަސަލަސްކަމުގެ އެންމެ މުހިންމު އެއްބަޔަކީ އ.ދ އާއި، ޔޫރަޕިއަން ޔޫނިއަންއާއި، ސާކް ފަދަ ސަރަޙައްދީ ޖަމްއިއްޔާތަކާއި، ނޭޓޯ ފަދަ ބައިނަލްއަގުވާމީ މުއާހަދާ ތަކުގެ ދަށުން އުފެދިފައިވާ މުއައްސަސާތައްކަމަށާއި ހަލަބޮލި ބައިނަލްއަގުވާމީ މަސްރަހްގައި އެފަދަ މުއައްސަސާތަކުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަން، މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އެހެންކަމުން، ދުނިޔޭގައި ސުލްޙަ މަސަލަސްކަން ގާއިމްކޮށް، ދުނިޔޭގެ ކޮންމެ ގައުމަކަށާއި، މުޖްތަމައަކަށާއި، ވަކިވަކި ފަރުދަކަށް އަމާން މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުމަށް މިފަދަ މުއައްސަސާތަކުން ކުރާ ބައިނަލްއަގުވާމީ މަސައްކަތުގައި، ރާއްޖެއިން ބައިވެރިވެ، ބައިނަލްއަގުވާމީ ސުލްޙަ މަސަލަސްކަމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަންވެސް މެންބަރުން ފާހަގަކުރެއްވި އެވެ." ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން، އެކަމަކީ، މިއަދުގެ ގުޅި ލާމެހިފައިވާ ދުނިޔޭގައި، ރާއްޖެފަދަ ކުޑަ ގައުމަކަށް ދުނިޔޭގެ ސަލާމަތީ މަސްރަހަށް ލޯހުޅުވި، އަދި ބައިނަލްއަގުވާމީ ސަލާމަތީ ވިއުގައިގެ ތެރެއަށް ވަދެ، އެ ވިއުގައިގެ ތެރޭގައި ރާއްޖެ ލާމެހިގެން ދާނެ ކަމެއްކަމުގައި މެންބަރުން ވިދާޅުވި ކަމަށް ބުންޏެވެ. އަދި އެކަމުގެ ސަބަބުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ހައިބަތު ބޮޑުވެ، ބައިނަލްއަގުވާމީ ގޮތުން އިތުރު ކުރިއެރުމާއި، ފައިދާ ރާއްޖެއަށް ލިބިގެންދާނެ ކަމަށްވެސް މެންބަރުން ވިދާޅުވި އެވެ.