23 Nov 2015, 15:50
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ހިމެނޭ ވެބްސައިޓް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.
އެ ވެބްސައިޓް އިފްތިތާހު ކުރުމަށް މީޑިއާ ކައުންސިލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ، މިއަދު އިފްތިތާހު ކުރި ވެބްސައިޓަކީ ދައުލަތުން ދިވެހި މުޖުތަމައުގައި ދިރިއުޅޭ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އަދި އެ ވެބްސައިޓް މެދުވެރިކޮށް ގާނޫނުގެ ދަށުން ޖަލު ހުކުމް އިއްވާފައި ތިބި މީހުންގެ މައުލޫމާތު ލިބިގެން ދާނެ ކަމަށް ވެސް އަނިލް ވިދާޅުވިއެވެ.
"ނަން ނުވަތަ އައިޑީ ކާޑު ނަންބަރު ނުވަތަ އެމީހާ ނިސްބަތްވާ ރަށެއް ޖެހުމުން އެމީހެއްގެ ތަފްސީލުތައް އިނގޭ ގޮތަށް މި ވެބްސައިޓުން ފެންނާނެ. އަދި އެމީހަކު އެވަގުތު ހުރިތަނެއް ހުކުމް އިއްވި ތާރީހު ހުކުމް ތަންފީޒު ކޮށް ނިމޭނެ މި ވެބްސައިޓުގައި ވާނީ ޝާއިއު ކުރެވިފައި،" އަނިލް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ ދަފްތަރުގައި ހިމެނޭ މީހަކަށް ހުކުމް ތަންފީޒުކޮށް ނިމިފައި ހުރި ނަމަވެސް، އެމީހެއްގެ މައުލޫމާތު އިތުރު ދިހަ އަހަރުވަންދެން ދަފްތަރުގައި އޮންނަން ޖެހޭނެ ކަމަށް ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައި ވާތީ އެކަން ވެސް ބަލަހައްޓަމުން ދާނެ ކަމަށެވެ.
"އެމީހަކު ހުރިތަނަށް ބަދަލެއް އަންނަ ނަމަ އެ ބަދަލު ކަމާ ބެހޭ ދައުލަތުގެ ފަރާތްތަކުން ހޯދަ އަޅުގަނޑުމެން އަޕްޑޭޓު ކުރަމުން ދާނަން" އަނިލް ވިދާޅުވި އެވެ.
އެ ވެބްސައިޓް މެދުވެރިކޮށް ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ޖަލު ހުކުމް އިއްވާފައި ތިބި މީހުންގެ މައުލޫމާތު ލިބޭ އިރު، މިފަދަ މައްސަލަތަކާ ގުޅިގެން އުފެދޭ ސުވަލާއި އޭގެ ޖަވާބު ވެސް މި ވެބްސައުޓުން ލިބެން ހުރެ އެވެ.