23 Nov 2015, 13:48
މާލެ-ހުޅުލޭ ބްރިޖު އެޅުމަށް ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބާ އިންޖިނިއަރިން އާ އެވޯޑްކޮށްފި އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު ސަން އަށް ވިދާޅުވީ ސީސީސީސީ ސެކަންޑް ހާބާ އިންޖީނިއަރިން ބުރިޖު އެޅުމަށް މިދިޔަ ހުކުރު ދުވަހު އެވޯޑްކޮށްފައިވާ ކަމަށެވެ. އެކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން އަންނަ މަހު މެދުތެރޭގައި ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
އެ ކޮންޓެކްޓަރު ރާއްޖެ އައިސް ބުރިޖު އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް ނިންމާފައިވާ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
ބުރިޖްގެ މަޝްރޫއު ހަވާލުކުރާނެ ކުންފުންޏެއް ކަނޑައެޅުމަށް ޓަކައި ޗައިނާގެ ތިން ކުންފުންޏެއް ކުރިން ވަނީ ޝޯޓްލިސްޓްކޮށްފަ އެވެ.
ޝޯޓްލިސްޓް ކުރި ތިން ކުންފުންޏަކީ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން، ޝީޒުއާން ރޯޑް އެންޑް ބްރިޖް ކޮންސްޓްރަކްޝަން އަދި ޗައިނާ ރެއިލްވޭ ބުރިޖް އެންޑް އިންޖިނިއަރިން އެވެ.
މޭލެ-ހުޅުލެ ބްރިިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ބްރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެ އެވެ. ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާ މީހުންނަށް ވަކި ލޭނެއް ބުރިޖުގައި އޮންނާނެ ކަަމަށް މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ހުޅުލެއާއި މާލެ އާއި ދެމެދު ބްރިޖްއެޅުމަށް ޖުމްލަ 200 މިލިއަން ޑޮލަރު ޚަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ.