23 Nov 2015, 15:55
ސީރިޔާގެ ހަނގުރާމަ އާއި ރެފިއުޖީން އިތުރުވުމަށް ދިމާވި އެއް ސަބަބަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކަމަށް އިނގިރޭސިވިލާތުގެ ޕްރިންސް ޗާލްސް ވިދާޅުވެއްޖެ އެވެ.
ސްކައި ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ޗާލްސް ވިދާޅުވީ ގިނަ މީހުން އެ މީހުންގެ އުފަން ގައުމު ދޫކޮށް ހިޖުރަކުރަނީ އެގައުމުތަކުގައި ފެން ލިބުމަށް ދަތިވުމުންނާއި ގުދުރަތީ މާއްދާތަކަށް ޓަކައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން ކަމަށެވެ.
ޗާލްސް ވިދާޅުވި ގޮތުގައި އެ ހާދިސާތަކާއި ކުރިމަތިލާން ޖެހޭ ގައުމުތަކުގެ ރައްޔިތުން ރަށް ދޫކޮށް ދާން ޖެހޭނެ ކަމުގެ އިންޒާރު މީގެ ވިއްސަކަށް އަހަރު ކުރިން ތިމާވެއްޓާ ބެހޭ ފަރާތްތަކުން ވަނީ ދީފަ އެވެ. އަދި އޭރު އެ މައްސަލަތަކަށް ދިގު މުއްދަތަކަށް ދެމިހުންނާނެ ހައްލެއް ގެނެވުނު ނަމަ މިހާރު އޭގެ ނޭދެވޭ އަސަރުތަކާ ކުރިމަތިލާން ނުޖެހުނީސް ކަމަށް ޗާލްސް ވިދާޅުވި އެވެ.
"ސީރިޔާ ދޫކޮށް މީހުން ދާން ޖެހުމާއި ގައުމުގައި ހަނގުރާމަ ފެށުމުގެ ސަބަބަކީ މީގެ ފަސް ހަ ވަރަކަށް އަހަރު ކުރިން ސީރިޔާއަށް ދިމާވި ފެން ލިބުމުގެ ދަތިކަން ކަމަށް ސާބިތު ކޮށްދޭ ރަނގަޅު ހެކި އެބަހުރި،" ޗާލްސް ވިދާޅުވި އެވެ.
އަދި ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާއި ޓެރަރިޒަމްގެ މުލުގައި ވަނީ ތިމާވެއްޓަށް އިންސާނުންދޭ ގެއްލުންތައް ކަމަށް އެމެރިކާގެ ޕެންޓެގަން އަށް ވެސް މިހާރު ގަބޫލުކުރެވޭނެ ކަމަށް ޗާލްސް ވިދާޅުވި އެވެ.
ޕްރިންސް ޗާލްސް އަކީ ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.
މައުލޫމާތު: ސްކައި ނިއުސް