23 Nov 2015, 13:40
ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އާއިޝަތު ބިސާމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބިސާމް ޕީޖީ ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 66 މެމްބަރުންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ހަތަރު މެމްބަރުން ވޯޓު ދެއްވި އެވެ.
ބިސާމް ޕީޖީގެ މަގާމަށް އައްޔަންކުރުމާ މެދު ރައްޔތިުންގެ މަޖިލީހުން ފެންނަގޮތެއް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން މަޖިލީހަށް ސިޓީފުޅު ފޮނުއްވެވީ އިއްޔެ އެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެމަގާމަށް އެދި ކުރިމަތިލާފައި ވަނީ ހަމަ އެކަނި ބިސާމް އެވެ.
ޕީޖީގެ މަގާމު ހުސްވެފައި ވަނީ، އެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމުންނެވެ.
އޭނާ މަގާމުން ދުރުކޮށްފައި ވަނީ ޕީޖީގެ މަގާމުގެ މަސްއޫލިއްޔަތުގެ ދަށުން ލިބިފައިވާ މައުލޫމާތު ކަމާ ގުޅުން ނެތް ފަރާތްތަކާ ހިއްސާކޮށްފައިވާތީ އާއި ޖިނާއީ މައްސަލަތަކުގެ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކާ މެދު ވަކި ގޮތަކަށް އަމަލު ކުރުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ ފަރާތްތަކާއި މަޝްވަރާކޮށް ވަކި މަންފާއެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ އެވެ.