ގައުމީ ނެޓްބޯޅަ މުބާރަތް ރޭ ފެށިއިރު މުބާރަތުގެ ފުރަތަމަ މެޗްތައް ފިއޮންތި ސްޕޯޓްސް ކުލަބާއި ކުޅުދުއްފުށީ ޔޫތު ރެކްރިއޭޝަން ކުލަބު (ކޭވައިއާރްސީ) އިން ކާމިޔަބުކޮށްފިއެވެ.

މުބާރާޓުގެ މެޗްތައް ޒުވާނުންގެ މަރުކަޒު އައުޓްޑޯ ކޯޓްގައި ކުރިއަށްދާއިރު ރޭ ކުޅުނު ފުރަތަމަ މެޗް ފިއޮންތި ކަމިޔަބުކުރީ ޓީރެކްސްއާ ވާދަކޮށް 26 ޕޮއިންޓްގެ ތަފާތުންނެވެ.

ފިއޮންތިއިން 47 ޕޮއިންޓް ހޯދިއިރު ޓީރެކްސްއަށް ހޯދިފައިވަނީ 21 ޕޮއިންޓެވެ. އެމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފިއޮންތިގެ އާމިނަތު ނަޒުރައެވެ.

ދެ ވަނަ މެޗް ކުޅުދުއްފުށީ ޓީމް ކާމިޔާބު ކުރީ ސާއްބަ އެކުވެރި ކުލަބާ ވާދަކޮށް 16 ޕޮއޮންޓްގެ ތަފާތުންނެވެ.

ކުޅުދުއްފުށީ ޓީމުން 45 ޕޮއިންޓް ހޯދިއިރު ސާއްބައަށް ހޯދިފައިވަނީ 29 ޕޮއިންޓެވެ. އެމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުޅުދުއްފުށީގެ ރާޝިދާ މުސާއެވެ.

މިރޭ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ޓީމައި ފިއޮންތިއެވެ. އެމެޗް ފެށުމަށް ހަމަޖެހިފައިވަނީ 8:00 ގައެވެ. އަދި މިރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ ދެ ވަނަ މެޗްގައި ބައްދަލު ކުރާނީ ޓީރެކްސްއާއި ސާއްބަ އެކުވެރި ކުލަބެވެ.