އިންޑިއާ އާއި ރާއްޖޭއާ ދެމެދު އޮތް ގުޅުންތައް ވަރުގަދަ ކުރެއްވުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިންޑިއާ އަށް ހުކުރު ދުވަހު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ ރާއްޖެ އަށް ވަޑައިގެންފި އެވެ.

އެ ދަތުރުފުޅުގައި ދުންޔާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ ބައްދަލުކުރައްވައި ދެ ގައުމުގެ މަސްލަހަތާ ބެހޭ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުންޏެވެ.

މީގެ އިތުރުން އިންޑިއާގެ ނޫސް އޭޖެންސީއަކާ ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ސިޔާސީ ސަބަބުތަކާ ހެދި ނުވަތަ އެހެންވެސް އެފަދަ މައްސަލައަކާ ގުޅިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ. އަދި ޗައިނާ އިން ރާއްޖޭގައި އިންވެސްޓް ކުރުމަކީ އިންޑިއާއިން "ކަންބޮނޑު ވާންޖެހޭ" ކަމެއް ނޫން ކަމުގައި ދުންޔާ ވިދާޅުވި އެވެ.

އަދި ހުޅަނގުގެ ގައުމުތަކާއި ޚިލާފަށް އިންޑީއާ އަކީ ރާއްޖޭގެ ސިޔާސީ ނިންމުންތަކަށް ތާއިދު ކުރާ ގައުމެއް ކަމަށް ދުންޔާ ވަނީ ފާހަގަ ކުރައްވާފައި އެވެ.

ރާއްޖެ އަށް ވަޑައިގެންނެވުމުގެ ކުރިން ދުންޔާ ވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ވެސް ޒިޔާރަތް ކުރައްވާފައި އެވެ.