ގައުމީ ދިފާއީ ބާރުގެ އޮނިގަނޑު ޒަމާނާ އެއްގޮތަށް ޕްރޮފެޝަނަލް ވިސްނުމެއްގައި ބައްޓަންކުރުމަށް ޓަކައި ހަތަރު ދުވަހުގެ ވޯކްޝޮޕެއް ފަށައިފި އެވެ.

"ވޯކްޝޮޕް އޮން ޓޭބަލް އޮފް އޮގަނައިޒޭޝަން އެންޑް އިކްއިޕްމަންޓްސް (ޓީއީ އެންޑް އީ)"ގެ ނަމުގައި ކ. އާރަށުގައި މިއަދު ފެށި ވޯކްޝޮޕް އިފްތިތާހުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ފަރުޙަތު ޝަހީރު އެވެ.

އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެމްއެންޑީއެފްގެ ޑައިރެކްޓްރޭޓްތަކުންނާއި ޔުނިޓްތަކުން އަދި އޭރިއާތަކުން މަންދޫބުން ބައިވެރިވާ ވޯކްޝޮޕަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ދިވެހި ރާއްޖޭގެ ތަފާތު ޤާނޫނުތަކުން ދިވެހި ސިފައިންނަށް މެންޑޭޓްކުރެވިފައި ހުރި ޓާސްކުތަކެއް އެބަހުރި ކަމަށާއި އެ ޓާސްކްތައް އަދާކުރުމަށް ސިފައިންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވާ އިރު، މިޓާސްކުތައް އަދާކުރެވޭނޭ ގޮތަކަށް ތައްޔާރުވުން އެއީ ސިފައިންގެ މައްޗަށް ވެސް ލާޒިމް ކަމެއް ކަމަށެވެ.

އަދި މަސްޢޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކަކީ ކޮބައިތޯ ދެނެގަނެ، އިންސާނީ ވަސީލަތްތަކުން މަދުވާ ބަޔަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށާއި އިންސާނީ ވަސީލަތްތައް ކަމަށް ވިޔަސް އަދި މާއްދީ ވަސީލަތްތައް ކަމަށްވިޔަސް މިހާރުން މިހާރަށް ސިފައިންނާ ހަވާލުކުރެވިފައި ހުރި ވަސީލަތްތައް ލިބޭނޭގޮތަށް ކަންކަން ކުރަންބޭނުންވާ އަދަދުތައް ދެނެގަންނަން ޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.