ސްޕެނިޝް ލީގްގައި ރޭ ރެއާލް ބެޓިސްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން މޮޅުވެ ތާވަލުގެ ދެ ވަނާގައި އޮތް ރެއާލް މެޑްރިޑް ފަހަތައް ޖައްސާލުމަށްފަހު ދެ ޕޮއިންޓްގެ ލީޑަކާއެކު އެތުލެޓިކޯ މެޑްރިޑް ދެވަނަ އަށް ޖެހިލައިފިއެވެ.

އެތުލެޓިކޯ ދެ ވަނަ އަށް އެރީ 26 ޕޮއިންޓާ އެކު އެވެ. ރެއާލް ތިން ވަނަ އަށް ވެއްޓުނުއިރު އެ ޓީމަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 30 ޕޮއިންޓާ އެކު އެވެ.

ބެޓިސްގެ ދަނޑު، ބެނީޓޯ ވިލަމެރީންގެ ސްޓޭޑިއަމްގައި ކުޅުނު އެ މެޗަގައި އެތުލެޓީކޯގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފް ގެ ހަތް ވަނަ މިނެޓްގައި ސްޕެއިން ގައުމީ ޓީމުގެ މިޑްފީލްޑަރު ކޮކޭއެވެ.

އެތުލެޓިކޯ މެޑްރިޑް ރެއާލް ބެޓިސް ރޭ ބައްދަލުކުރި މެޗްގައި އެތްލެޓިކޯ ގެ ޓޯރޭސް ބޯޅަ ހިފައިގެން ދަނީ --- ފޮޓޯ:ޑެއިލީ މެއިލް

މެޗުގެ ފަހުކޮޅު އެތުލެޓިކޯގެ އެންޓޮއިން ގްރިޒްމަން އަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗަށް ފަހުވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ އޭނާގެ ޓީމުން މި މެޗުގައި ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި ތާވަލުގެ ދެވަނައަށް އެރުމުން އުފާވާ ކަމަށެވެ.

"އަބަދުވެސް ވިސްނަނީ މެޗަކަށް ފަހު މެޗެއް މޮޅުވަމުން ގޮސް ދެވޭ ހިސާބަކަށް ދާން. ލީގު ޗެމްޕިއަންކަމާ މެދު އަދި ނުވިސްނަން،" ސިމިއޯނީ ބުންޏެވެ.