23 Nov 2015, 12:04
ށ. ގޮއިދޫ ކައުންސިލް މެމްބަރު އިސްމާއީލް ރަޝީދު އިސްތިއުފާދެއްވައިފި އެވެ.
ގޮއިދޫ ކައުންސިލްގެ ރައީސް އިބުރާހީމް ޝާހިދު މިއަދު ސަން އަށް ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި އިންތިޚާބުވި ކައުންސިލަރު އިސްމާއީލް ރަޝީދު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.
"މިމަހުގެ ނުވަ ވަނަ ދުވަހު އިސްމާއީލް ރަޝީދު އިސްތިއުފާގެ ސިޓީ ކައުންސިލަށް ހުށަހެޅުއްވީ. މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގައި ވަނީ އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައި،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އިސްމާއީލް ރަޝީދު އިސްތިއުފާދެއްވިކަން ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މިހާރު އަންގާފައިވާ ކަމަށެވެ.
އިސްމާއީލް ރަޝީދު އިސްތިއުފާދެއްވީ ކީއްވެގެން ކަމެއް ކައުންސިލުން ހާމައެއް ނުކުރެއެވެ.
މިކަމާ ބެހޭގޮތުން އިސްމާއީލް ރަޝީދުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.