އަލަށް ތައާރަފްކުރާ ރަންދިހަ ފަހެއްގެ ނޫޓުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް، މަރުކަޒީ ބެންކް، އެމްއެމްއޭގެ ޓީމްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިއުމަށް ނިންމައިފި އެވެ.

އެމްއެމްއޭގެ މެނޭޖާ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް އަހުމަދު ފަޒާލު ހުސެއިން މިއަދު ސަން އަށް ވިދާޅުވީ އަންނަ ހުކުރު ދުވަހުން ފެށިގެން އެމްއެމްއޭގެ ޓީމްތައް ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސް އާ ނޫޓުތަކާ ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"އާ ނޫޓުތަކާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގުރާމްތައް ރަށްރަށުގައި ހިންގާނެ، ނޫޓުތަކުގެ ސަލާމަތީ ސިފަތަކާއި ނޫޓާ ގުޅުން ހުރި މައުލޫމާތުތައް ރައްޔިތުންނަށް ކިޔައިދެވޭނެ،" ފަޒާލު ވިދާޅުވި އެވެ.

ތިން ހަފްތާ ތެރޭ ހުރިހާ ރަށަކަށް އެމްއެމްއޭގެ ޓީމްތައް ގޮސް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގާ ނިންމާލެވޭނެ ކަމަށް ފަޒާލު ވިދާޅުވި އެވެ. އެމްއެމްއޭގެ ޓީމްތައް ރަށްރަށަށް ދިއުމުން ރައްޔިތުން ގޮސް މައުލޫމާތު ސާފް ކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް ފަޒާލު ވިދާޅުވި އެވެ.

އެމްއެމްއޭ އިން އަލަށް ތައާރަފްކުރާ އާ ނޫޓް ސީރީޒްތައް ބޭނުން ކުރަން ފެށުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ.

އަލަށް ތައާރަފްކުރާ އާ ނޫޓް ސީރީޒްއަކީ ޕޮލިމާ ކަރުދާހަށް ޕުރިންޓް ކޮށްފައިވާ އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ރީތި ނޫޓު ތަކެކެވެ.