ހދ. ހަނިމާދޫ އެއާޕޯޓް ނެރުމަތީގައި ދެ ލޯންޗެެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށާއި އޭނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ހދ. ކުޅުދުށްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ހަސަން ހުސައިން މިއަދު "ސަން" އަށް ވިދާޅުވީ އެ މީހާގެ ބޮލަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާ އަށް މިހާރުވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އިތުރު ފަރުވާ ދިނުމަށް ވަރަށް އަވަހަށް މާލެ ފޮނުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނިޔާވި އެހެން މީހުންގެ ހާލު ޖުމުލަ ގޮތެއްގައި ރަނގަޅު. އެކަމަކުު އެ މީހުންނަށް ވެސް ލިބިފައި ހުރި އަނިޔާތައް ވަކި ކުޑައެއް ނޫން. ބައެއް ތަންތަން ބިންދައިގެން ގޮސްފައި ވެސް އެބަހުރި." އޭނާ ވިދާޅުވި އެވެ.

ފުލުހުން އިއްޔެ ބުނީ އެކްސިޑެންޓުވި ދެ ލޯންޗު އަޑިއަށް ގޮސްފައިވާ ކަމަށާއި އެ ދެ ލޯންޗު ނެގުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންގެ އިތުރުން ރައްޔިތުން ވެސް ކުރަމުންދާ ކަމަށެވެ.

އިއްޔެ އިރުއޮއްސި 6:05 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި ފަތުރުވެރިއަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.