23 Nov 2015, 10:51
އަންނަ ޑިސެމްބަރު މަހު އިންޑިއާގައި ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުން ވަކިވާން ޕާކިސްތާނުން ނިންމައިފި އެވެ.
ބަންގްލަދޭޝްގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ސާފްގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހައްގު ހެލާލް ވިދާޅުވީ މުބާރާތުން ވަކިވާނެ ކަމަށް ބުނެ ޕާކިސްތާނުން އީމެއިލެއް ކޮށްފައިވާ ކަމަށެވެ.
އެހެން ނަވަވެސް އެއީ އަދި ސައްޚަ އީމެއިލްއެއްތޯ ނުވަތު ނޫންތޯއެއް ވެސް ސާފްއިން ވެސް އަދި ޕާކިސްތާނަކުން ވެސް ކަށަވަވަރު ކޮށްދީފަނުވާ އިރު ސާފް އިން މި އަހަރު މިހާތަނަށް ބޭއްވި އެއްވެސް މުބާރާތެއްގައި ޕާކިސްތާނުން ބައިވެރިވެވެފައި ނުވާކަން ފާހަގަކޮށްލަން ޖެހެ އެވެ.
އޭގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕް 16 އަހަރުން ދަށުގެ މުބާރާތާއި 19 އަހަރުން ދަށުގެ މުބާރާތް ހިމެނެ އެވެ.
އަންވަރުލް ހައްގު ވިދާޅުވީ ޑިސެމްބަރު 23 އިން އަންނަ އަހަރުގެ ޖެނުއަރީ ތިނަކަށް ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ޕާކިސްތާން ވަކިވާން ނިންމި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ސިޔާސީ ގޮތުން ވަރަށް ބޮޑަށް ޕާކިސްތާން އެފްއޭ އޮތީ ބައިބައި ވެފައި. ފުޓްބޯޅަ ފެޑެރޭޝަނުގައި އޮތް ދެ ފެކްޝަނެއްގެ ދެމެދުގައި ހިނގާ މައްސަލަތަކެއްގެ އަސަރު މިކުރަނީ. ނަމަވެސް ޕާކިސްތާނުން ދައްކާ ބަހަނާއަކީ ފައިސާ ނެތުން،" އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނުގެ ފުޓްބޯޅަ މައްސަލަތަކެއްގެ ތެރެއަށް ވެއްޓުނީ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިންތިހާބް ގެ ތެރެއިންނެވެ. ޕާކިސްތާނުގެ ކޯޓުން އިންތިހާބު ސައްހަ ނޫން ކަމަށް ހުކުމް ކުށްފައިވާ އިރު ފީފާ އިން ވަނީ އެއީ ސައްޚަ އިންތިހާބެއް ކަމަށް ނިއްމާފަ އެވެ.
މުބާރާތުގައި ޕާކިސްތާން ހިމެނިފައި އޮތީ އިންޑިއާ އާއި ނޭޕާލް އަދި ސްރީލަންކާއާ އެއްގްރޫޕެއްގަ އެވެ. ރާއްޖެ އާއި އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާން އަދި ބޫޓާނާއި ބަނގްލަދޭޝް އޮތީ ގްރޫޕް ބީގަ އެވެ.