05 Apr 2011, 17:46
އެމްޑީޕީ އާއި ރާއްޖެ ޓީވީ ގުޅިގެން އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މެދުގައި ބަހުސެއް ބޭއްވުމަށް ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ބުނީ އެ ބަހުސް އޮންނާނީ މި މަހުގެ 25 އަދި 26 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށެވެ. އެގޮތުން 25 ވަނަ ދުވަހުގެ ރޭ އޮންނާނީ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މެދުގައި ބާއްވާ ބަހުސް ކަމަށާއި 26 ވަނަ ދުވަހުގެ ރޭ އޮންނާނީ ރައީސް ކަމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ މެދުގައި އޮންނަ ބަހުސް ކަމަށެވެ.
ބަހުސު އޮންނާނީ އެ ދެ ރޭ ވެސް 9:00 ން 10:00 އަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. ބަހުސް އިންތިޒާމް ކުރާ ޖަޖުންގެ ގޮތުގައި ތިބޭނީ ރާއްޖެ ޓީވީން ހަމަޖައްސާ ބަޔަކު ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަކީ ރައީސްގެ ސްޕެޝަލް އެންވޯއީ އަދި އެމްޑީޕީގެ ނައިބު ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) އެވެ.
އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަކީ ހައުސިން މިނިސްޓަރު މިނިސްޓަރު މުހައްމަދު އަސްލަމާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އަދި ގ. ކަކާގެ އާގޭ ޙުސައިން އާދަމް (އާދަމްބެ) އެވެ. މީގެ އިތުރުން ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރުގެ ނަން ވަނީ އަނބުރާ ގެންދަވާފައި އަލްހާން ފަހުމީ އަށް ތާޢީދުކުރާކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ އެހެން މަގާމުތަކަށް ކުރިމަތިލާފައިވާ ބޭފުޅުންގެ މެދުގައި ވެސް ބަހުސެއް ބޭއްވުމަށް ވިސްނަމުން އަންނަ ކަމަށެވެ.