އަންނަ ހަފްތާގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯންގެ ފިލްމު "ތަމާޝާ" ޕްރޮމޯޓް ކުރުމަށް އެމީހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ފިލްމް ޕްރޮމޯޓް ކުރުމަށް ދީޕިކާ މިހާރު ވަނީ ސަލްމާން ހާންގެ ރިއަލިޓީ ޝޯވް "ބިގްބޮސް"ގައި ވެސް ބައިވެރި ވެފަ އެވެ. އަދި ޝޯވްގެ ތެރެއިން ތަފާތު ކަންތައްތަކެއް ވެސް ކޮށްފަ އެވެ.

މި ޝޯވެގެ ތެރެއިން ދީޕިކާ އާއި ސަލްމާން ތަފާތު ގޭމުތައް ކުޅެ އެކުގައި ނަށާފައި ވެސްވެ އެވެ. އަދި ތަމާޝާގެ ލަވައެއް ކަމަށްވާ "މަތަރްގަޝްތީ" އަށް ވެސް ދީޕިކާ ވަނީ ސަލްމާން ލައްވައި ނައްޓުވައިފަ އެވެ.

ރަންބީރާއި ދީޕިކާ އެކަކު އަނެކަކާއި ސުވާލުކޮށް ދޮގު ޖަވާބު ދޭ މަންޒަރެއް، ޝޯވްގެ ތެރެއިން ސަލްމާން އާއި ދީޕިކާކުޅެ އެވެ. ހަމަ ފިލްމުގެ މަންޒަރާއި އެއްގޮތަށެވެ.

މި ގޭމުގެ ތެރެއިން ކުއްލިއަކަށް ތަފާތު މަންޒަރެއް ފެނިގެންދެ އެވެ. ދީޕިކާ ސްޓޭޖުމަތީގައި ދެކަކޫ ޖައްސައިގެން އިނދެ ސަލްމާން ކައިރިން އިންނަން އަހަ އެވެ. އާނއެކެވެ. ދީޕިކާ، ސަލްމާންއަށް ޕްރޮޕޯސް ކުރެ އެވެ. އެ ވަގުތު ސަލްމާންގެ މޫނުގެ ކުލަ ބަދަލު ވެގެން ދާ މަންޒަރު ފެނިގެންދެ އެވެ.

ސަލްމާން ލަދުގަތީ ކަމަށް ވެސް ވެދާނެ އެވެ. ނޫނީ ދީޕިކާގެ ކުއްލި ޕްރޮޕޯސަލްގެ ސަބަބުން ޝޮކެއް ލިބުނީ ކަމަށް ވެސް ވެދާނެ އެވެ.

އެހެންނަމަވެސް ޖަވާބުގައި ސަލްމާން ބުނީ ކީކޭކަން އެނގޭ ހެއްޔެވެ؟

ނޫނެކެވެ. ދިޕިކާގެ ޕްރޮޕޯސަލް ސަލްމާން ގަބޫލެއް ނުކުރި އެވެ. ދުވަހަކު ވެސް ކައިވެނި ނުކުރަން ސަލްމާން އަޒުމު ކަނޑައަޅައިގެން ހުރީ ކަންނޭނގެ އެވެ.