23 Nov 2015, 10:03
ރާމަﷲ (ނޮވެމްބަރު 23) : ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ގާނޫނާ ޚިލާފަށް އިސްރާއީލު ވަޒަންވެރި ކުރުވައިގެންއުޅޭ ހަރުކަށި ޔަހޫދީ ވަޒަންވެރިންގެ ތެރެއިން މީހަކު ގަސްދުގައި ކާރުން ޖައްސައި ފަލަސްތީނުގެ 16 އަހަރުގެ އަންހެން ކުއްޖަކު ޝަހީދުކޮށްލައިފި އެވެ.
އަލްޖަޒީރާ ބުނާ ގޮތުންޔަހޫދީ ވަޒަންވެރިޔާ މިޖަރީމާ ހިންގާފައި ވަނީ ރޭގެ ވަގުތެއްގައި ޚަލީލު ސަހަރުގެ ކައިރީގައި އިސްރާއީލުން ގާއިމްކޮށްފައިވާ ޔަހޫދީ އަވަށެއްގެ ކައިރީގަ އެވެ. ބާރަށް ދުއްވާފައި އައި ކާރެއް މި އަންހެން ކުއްޖާގެ ގައިގާ ޖެއްސުމާ އެކު އެކުއްޖާގެ ހަށިގަނޑުވަނީ ކާރުގެ ދަށަށްވަދައިފަ އެވެ. މިއާ އެކު އެކުއްޖާ ވަނި ވަރަށްބޮޑަށް ޒަޚަމްވެ ލެއިން ތަށްތެޅިފަ އެވެ. އެކުއްޖާގެ ހަށިގަނޑުން ފެބިލޭތަކާ އެކު ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިންވަނީ ފުރާނަގޮސްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިޖަރީމާ ހިންގި ޔަހޫދީ ވަޒަންވެރިޔާވަނީ އަންހެން ކުއްޖާ ހުރީ ވަޅިއެއް ހިފައިގެން ކަމަށްބުނެ އޭނާގެ ޖަރީމާއަށް ސަބަބު ދެއްކުމަށް މަސައްކަތް ކޮށްފަ އެވެ. ފަލަސްތީނުގެ 16 އަހަރުގެ އަންހެން ކުއްޖާ ޝަހީދުކޮށްލުމަކީ އިސްރާއީލުން ހިންގި ހަނގުރާމައިގެ ޖަރީމާއެއްކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ވަނީ ސިފަކޮށްފަ އެވެ. އަދި ޔަހޫދީ ވަޒަންވެރިޔާގެ ކިބައިން އަންހެންކުއްޖާގެ މަރުގެ ބަދަލު ވަރަށް ވޭންދެނިވި ގޮތެއްގައި ހިފާނެ ކަމުގެ އިންޒާރުވެސް ހަމާސް އިން ދީފައިވެ އެވެ. އިސްރާއީލުގެ ފުލުހުން މިޖަރީމާ ތަހްގީގް ކުރަމުންނުދާ ކަމަށްވެ އެވެ. މީގެ އިތުރުން އިސްރާއީލުގެ އުދުވާނީ ސިފައިން ވަނީ ބަޑިޖަހައި ފަލަސްތީނުގެ އިތުރު ޒުވާނަކު ވެސް ރޭ ޝަހީދުކޮށްލާފަ އެވެ. އަދި އިއްޔެ ވެސް ފަލަސްތީނުގެ އިތުރު ޒުވާނަކު ޝަހީދުކޮށްލާފައިވެ އެވެ. މި އާއެކުފާއިތުވި ސައުވީސް ގަޑީއިރު ތެރޭގައި އިސްރާއީލުގެ ޝަހީދުކޮށްލި ފަލަސްތީނުގެ ޒުވާނުންގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ.
ޔަހޫދީ ވަޒަންވެރިންނަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން އިސްރާއީލު ގެނަސް ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ހައްދު ފަހަނަޅާފައިވާ ބައެކެވެ. މީގެ ތެރެއިން ގިނަ ޔަހޫދީންނަކީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާ ނުރައްކާތެރި ބައެކެވެ. (އަލްޖަޒީރާ)