އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހަމަ ހަމަ ފުރުސަތު ތަކެއް ހޯދައި ދިނުމަށް، އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވި 168 ދަރިވަރަކު ދަސްވެނިވެއްޖެ އެވެ.

އިސްލާމިކް ޔުނިވާސިޓީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދަސްވާރު ޕްރޮގްރާމު ކާމިޔާބުކޮށް ދަސްވެނިވި ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

ގްރޭޑް 10 ކިޔަވާ ދަރިވަރުން އަމަލީ މައިދާނުން ތަމްރީނާއި ތަޖުރިބާ ހޯދުމަށް ސްކޫލުންނާއި ސްކޫލުގެ ބޭރުން ކުރިއަށްދާ އެ ޕްރޮގްރާމްގައި މިއަހަރު ވަނީ ޖުމްލަ 1152 ދަރިވަރުން ބައިވެރި ވެފައެވެ.

އެގޮތުން މާލޭގެ 13 ސްކޫލަކުން 168 ދަރިވަރުން ވަނީ އެ ޕްރޮގްރާމުގައި ބައިވެރިވެފައެވެ. އަދި އަޮތޮޅުތަކުގެ 144 ސްކޫލަކުން އެޕްރޮގްރާމުގައި 984 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

ރާއްޖޭގެ ކޮންމެ ޒުވާނަކީ މަސައްކަތް ކުރަން އެނގޭ ޒުވާނުންނަށް ހެދުމަށްޓަކައި ދަސްވާރު ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރެވެ.

ވޭތުވެ ދިޔަ އަހަރު ޕައިލެޓް ޕްރޮގްރާމެއްގެ ގޮތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ބައިވެރި ވެފައިވަނީ ޖުމްލަ 175 ދަރިވަރުންނެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މާލޭގެ 10 ސްކޫލެއްގަ އެވެ.

މިރޭގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ދަސްވާރު ޕްރޮގްރާމްގެ ދަށުން މަސައްކަތްތެރި ކަމުގެ މާހައުލަށް 168 ދަރިވަރުން ވަނީ މިހާރު ތަމްރީނު ވެފައި ކަމަށެވެ.

ހުރިހާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ގިނަ ދަރިވަރުންތަކަކަށް ވަޒީފާ ލިބިފައިވުމަކީ ޕްރޮގްރާމްގެ ކާމިޔާބު ކަން ހާމަވެގެން ދާ ކަމެއް ކަމަށެވެ.

"ދަސްވާރު ޕްރޮގްރާމްގެ ފުރަތަމަ ބެޗުން 56 ޕަސެންޓު ކުދިން މިހާރު ތިބީ ދާއިމީ ވަޒީފާގައި. އަދި އޭގެ ތެރެއިން 17 ޕަސެންޓު ދަރިވަރުން ދަނީ މިހާރު އިތުރަށް ކިޔަވަމުން. އަދި އެންމެ ފަހުގެ 25 ޕަސެންޓު ދަރިވަރުންނަށް ވަރަށް އަވަހަށް ވަޒީފާ ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ދަސްވާރު ޕްރޮގްރާމުގައި ވޭތުވެ ދިޔަ އަހަރު 36 ކުންފުންޏަކުން ބައިވެރި ވެފައިވާއިރު މިއަހަރު އެ ޕްރޮގްރާމުގައި 40 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

އެޕްރޮގްރާމުގައި ދަރިވަރުން ތަމްރީނު ކުރާ ދާއިރާތަކުގެ ތެރޭގައި ހޮސްޕިޓޭލިޓީ އާއި އައިޓީ އާއި ޓުއާ ގައިޑިން އާއި އޮފީސް އެޑްމިނިސްޓްރޭޝަން ހިމެނެއެވެ.