ޓެކްސީއަކަށް މީހަކު އަރައި އިންދައި، ހުސްކޮށް ހުރި ޖާގައަށް މަގުމަތިން މީހުން އަރުވަމުން ބަސް ދުއްވާ އުސޫލުން ޓެކްސީ ދުއްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ޢަބުދުއް ރަޝީދު ނާފިޒު ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް ޓެކްސީ ބުކް ކުރުމުގެ ހިދުމަތް ތައާރަފް ކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނާފިޒް ވިދާޅުވީ އެގޮތަށް ކަންތައް ކުރާ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"...އަޅުގަނޑުމެންގެ ތެރެއިން އެކަކު ވެސް އުއްމީދެއް ނުކުރާނެ ގޭގައި ހުރެފައި ޓެކްސީއެއް އޯޑަރު ކޮންގެން ނުވަތަ ޓެކްސީއަކަށް އަރައިގެން އެ ދާންވާ ތަނަކަށް ދާ މަގުމަތީގައި ހުސް ޖާގައަށް، ޖެހިގެން ހުރި ގޮނޑީގައި ޖާގަ ހުރީމާ އެޖާގައަށް ފުރޭ މިންވަރަކަށް މަގުމަތިން މީހުން އެޓެކްސީއަށް ލައި ނުވަތަ ދެން ދާ ތަން ތަނަކަށް، ބަސް ދުއްވާ އުސޫލުން ޓެކްސީ ދުއްވުމަކީ އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުން ޓެކްސީ ހިދުމަތް ހޯދާ މީހާ ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ. އެއީ ގަވާއިދާ ހިލާފަށް ހިނގާ ކަމެއް ކަމަށާއި އެކަމުގެ ޝަކުވާތައް ހުށަހަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...އަޅުގަނޑުމެންނަށް އެހާ އުނދަގުލެއް ނުވާނެ ޓެކްސީގެ ހިދުމަތް [ދިނުމުގެ ހުއްދަ] ދީފައި އޮންނަ ފަރަތާކަށް ހިދުމަތް ކަނޑާލުން. ޓެކްސީ ކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ލިބިގެން ކުރާ ކަމަކަށް ވާތީ، ތަކުރާރުކޮށް މިފަދަ އަމަލުތައް ކުރާ ފަރާތްތަކާ ދޭތެރޭ ފިޔަވު އަޅާކަށް އަޅުގަނޑުމެން ފަހެއް ނުޖެހޭނަން،" ނާފިޒް ވިދާޅުވި އެވެ.