22 Nov 2015, 22:32
ފަސޭހަކަމާއެކު ޓެކްސީގެ ހިދުމަތް ދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް "އޮންލައިން ޓެކްސީ"ގެ ހިދުމަތް ހޯދަން އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.
ގޫގުލްޕްލޭ ސްޓޯރުންނާއި އެޕަލްސްޓޯރުންޑައުންލޯޑް ކުރެވޭނެ އެ އެޕްލިކޭޝަން މެދުވެރިކޮށް، އެންމެ ކައިރީގައި ހުސްކޮށް އޮތް ޓެކްސީއާ ބެހޭ މައުލޫމާތާއި އެ ޓެކްސީއަށް، ހިދުމަތަށް އެދުނު މީހާ ހުރި ސަރަހައްދަށް އާދޭވޭނެ ވަގުތު ވެސް އެނގެ އެވެ.
އެ އެޕްލިކޭޝަން އުފެއްދީ ޓަވިޔަނި ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެންނެވެ.
ޓެކްސީ ހޯދާ އެޕްލިކޭޝަން ހިދުމަތް މިރޭ ތައާރަފް ކޮށްދެއްވީ އެކަމަށްޓަކައި ސްޓެލްކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައި، ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ޢަބުދުއް ރަޝީދު ނާފިޒުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާފިޒު ވިދާޅުވީ ޓެކްސީއާ ގުޅޭ ގިނަ ކަންތައްތައް މިއަދާ ހަމައަށް ކުރަމުން އައީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ އެކުގައި ކަމަށެވެ. އެގޮތުން ޓެކްސީ އޮންލައިންކޮށް ބުކް ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ޓެކްސީ ސެންޓަރު ތަކާ ވާހަކަ ދެއްކެވުމުން އެއީ ރާއްޖެއަށް ކަމުދާ ކަމެއް ކަމަށް ގިނަ ބޭފުޅުން ދެކެވަޑައި ނުގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"... އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިކަން އެހާ ކާމިޔާބު ކަމަކަށް ދިވެހިރާއްޖެއަކު ނުވާނެ. އެކަމަކު އަޅުގަނޑުމެން އެކަމެއް އެގޮތަކަށް ގަބޫލެއް ނުކުރަން. އަޅުގަނޑުމެން ގަބޫލުކުރަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިހިދުމަތް ކާމިޔާބު ކަމާ އެކީ ދެވޭ ކަމަށް ވަންޏާ ދިވެހިރާއްޖެ ވެސް މިއީ ހަމަ ދުނިޔޭގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށް ވަންޏާ ދިވެހިންނަށް މިކަން ވަކި ނުވާންވީ ސަބަބެއް ނެތޭ،" އޭނާ ވިދާޅުވިއެވެ.
ނާފިޒް ވިދާޅުވީ ޓަވިޔަނި ޕްރައިވެޓް ލިމިޓެޑުން މިރޭ ހިދުމަތް ފެށި ނަމަވެސް އަދި އިތުރު އެއް ކުންފުންޏަކުން ވެސް އެ ހިދުމަތް ދިނުމަށް އެއްބަސް ވެފައިވާ ކަމަށާއި ވަރަށް އަވަހަށް އެކުންފުނިން ވެސް ހިދުމަތް ފަށާނެ ކަމަށެވެ.
ޓަވިޔަނި ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ރަމީޒް ވިދާޅުވީ އޮންލައިން ޓެކްސީގެ ހިދުމަތް މިރޭ ތައާރަފް ކުރީ ހަމަ އެކަނި މާލެއަށް ކަމަށް ވިޔަސް އެ ހިދުމަތް ހުޅުމާލެ އާއި އައްޑޫ ސިޓީގައި ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.