ފެނުގެ ހިދުމަތް ދިނުމަށް އެމްޑަބުލިއުއެސްސީން 10 މީހަކު ތަމްރީނު ކޮށްފި އެވެ.

ދެ ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމުގައި ތަމްރީނުކޮށްފައި ވަނީ ހއ. އިހަވަންދޫ އާއި އދ. މަހިބަދޫ އަދި ގދ. ގައްދޫގެ ފެނުގެ އޮޕްރޭޝަން އަދި މެއިންޓަނަންސްއަށް ބޭނުންވާ މީހުންނެވެ.

މި މަހުގެ އަށަކުން 22 ހަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް މިއަދު އެމްޑަބްލިއުއެސްސީގެ ޓެރަސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކޯޕަރޭޝަންގެ އެމްޑީ އިބްރާހިމް ފަޒާލް ރަޝީދު ވިދާޅުވީ ފެނުގެ މައްސަލައެއް ދިމާވުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ވޯކްޝޮޕްގެ ވައިވެރިންނަށް ކިޔައިދީފައި ވާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ހިންގި ފެނުގެ ހިދުމަތް ދިނުމާ ބެހޭ ތަމްރީން ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓްދިނުމުގެ ރަސްމިއްޔާތުގައި އެކޮމްޕެނީގެ އެމްޑީ ފަޒާލް ވާހަކަފުޅު ދައްކަވަނީ -- ސަންފޮޓޯ / އަލީ ނަސީރު

އޭގެ އިތުރުން ފެނުގެ ކޮލިޓީ ބެލުމަށް ބޭނުންވާ ތަހުލީލުތައް ހަދާނެ ގޮތާ އާރުއޯޓެކްނޮލޮޖީއާ ގުޅޭ މައުލޫމާތު ވެސް ބައިވެރިންނަށް ކިޔައިދީފައިވާނެ ކަމަށް ފަޒާލް ވިދާޅުވި އެވެ. އަދި ޓްރެއިންގް ޕްރޮގްރާމުގައި އަމަލީ ތަޖުރިބާ ވެސް ބައިވެރިން ދަސްކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގާނެ ކަމަށް އެމްޑަބްލިއު އެސްއީން ބުންޏެވެ.