ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބަންދަށް ތިންވަނަ ފަހަރަށް 15 ދުވަސް ޖަހައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު، ޒިޔަތުގެ ބަންދުގެ މުއްދަތު 15 ދުވަސް އިތުރުކޮށްފައިވާއިރު އެންމެ ފަހުން ޒިޔަތުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

އެންމެ ފުރަތަމަ ޒިޔަތުގެ ބަންދަށް 15 ދުވަސް ޖެހުމުން އެ ބަންދުގެ މައްސަލަ ޒިޔަތުގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުުނާފްކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން ނިންމީ ޒިޔަތު ބަންދުގެ މުއްދަތު އިތުރުކުރީ ރަނގަޅަށް ކަމަށެވެ.

ޒިޔަތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރިސޯޓް ހަދަން ރަށްތަކެއް ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައެވެ.

ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ކޯޓު އަމުރުގެ ދަށުން ފުލުހުން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ ފާސްކޮށްފަ އެވެ. އެގޭގައި އޭނާ ދިރިއުޅުއްވާ އެ ޕާޓްމަންޓް ފާސްކުރުމަށް ފަހު އެތަނުން ބައެއް ތަކެތި ކޮތަޅުތަކަށް އަޅައިގެން ފުލުހުން ވަނީ ގެންގޮސްފަ އެވެ.

އެމްއެމްޕީއާރްސީގެ އޮފީސް ވެސް މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ފާސްކޮށް ފުލުހުން ވަނީ އެތަނުން ބައެއް ތަކެތި ގެންގޮސްފަ އެވެ. ނަމަވެސް އެތަނުން ވެސް ގެންދިޔައީ ކޯއްޗެއްކަމެއް ނޭނގެ އެވެ.

ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އެގެ ބަލައިފާސްކުރާން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، އެ ގޭގައި ފޯނުކޯލު އަޑުއެހުމަށް ބޭނުންކުރާ ހާއްސަ އާލާތްތަކާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.