ހދ. ހަނިމާދޫ އެއާޕޯޓް ނެރުމަތީގައި ދެ ލޯންޗެެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

އެ އެކްސިޑެންޓުގައި ހަ މީހަކަށް އަނިޔާވެފައިވެ އެވެ. ހަނިމާދޫ ސިއްހީ މަރުޒުގައި ފަރުވާ ދެމުންދާ އެ މީހުން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ލޯންޗު އަޑިއަށް ގޮސްފައިވާ ކަމަށާއި އެ ދެ ލޯންޗު ނެގުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންގެ އިތުރުން ރައްޔިތުން ވެސް ކުރަމުންދާ ކަމަށެވެ.

މިއަދު އިރުއޮއްސި 6:05 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި ފަތުރުވެރިއަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.