05 Apr 2011, 16:56
މަރުގެ ހުކުމް ތަންފީޒު ކުރަން އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ބިލެއް ހުށަހަޅައިފި އެވެ.
ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު މިފަހަރު މި ބިލު ވެއްދީ، މަރުގެ އަދަބު ތަންފީޒު ކުރުމަށް ވެއްދި ބިލެއް އަނބުރާ ގެންދިޔަތާ 13 ދުވަހުގެ ތެރޭގަ އެވެ.
މައާފު ދިނުމާއި އަދަބު ލުއިކޮށްދިމުމުގެ ގާނޫނަށް އިސްލާހެއްގެ ގޮތުގައި ހުށަޅާފައިވާ މި ބިލުގައި ބުނަނީ، ސުޕްރީމްކޯޓުން މީހެއްގެ މައްޗަށް ހުކުމް ކަނޑައަޅައިފި ހިނދެއްގައި، ނުވަތަ ދަށު ކޯޓުން ނުވަތަ ހައިކޯޓުން މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ މަރުގެ ހުކުމް ސުޕްރީމްކޯޓުން ދަމަހައްޓައިފި ހިނދެއްގައި އެ ހުކުމް ތަންފީޒު ކުރަންވާނެ ކަމަށެވެ.
މުއްތަލިބު ވިދާޅުވެފައިވަނީ މި އިސްލާހް ހުށަހެޅުއްވީ، މީހުން މެރުމާއި ތޫނު އެއްޗެހިން ހަމަލާދީ މީހުންނަށް ބޮޑެތި ގެއްލުން ދިނުމުގެ ސަބަބުން އެތައް ބަޔަކު މަރުވަމުން ދާއިރު، އެފަދަ މީހުންގެ ހުކުމް 25 އަހަރަށް ޖަލަށް ބަދަލު ކުރުމަށް ގާނޫނުގައި އޮތުމުން އެމީހުން ކޮންމެވެސް ގޮތަކުން މުޖުތަމައަށް ނިކުމެ އިތުރު މާރާމާރީތައް ހިންގައި އެތައް ކުށްތަކެއް ކުރުމަށް މަގުފަހިވެގެންދާނެތީ ކަމަށެވެ.
"އިސްލާމީ ޝަރީއަތުގައި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މާތްﷲ އަންވާ. މިފަދަ މީހުން މެރުމަކީ މީހުން މެރުން ނޫން ކަމަށާއި އެއީ މީސްތަކުން ދިރުވުންކަމަށް އަންގަވާފައިވާއިރު އެކަލާނގެ އަންގަވާފައިވާ ގޮތް އެއީ އެންމެ ފުރިހަމަ ގޮތްކަމަށް އަޅުގަނޑު ގަބޫލުކުރާތީ. މީހުން މަރާ މީހުންނަށް އިސްލާމީ ގައުމުތައް ފިޔަވައި ތަރައްގީވެފައިވާ ގައުމުތައް ކަމަށް ބަލާ އެމެރިކާފަދަ ގައުމުތަކުން ވެސް މަރުގެ އަދަބު ދެމުން ގެންދާއިރު، މިފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ވެސް މިގޮތަށް އަމަލު ކުރުމަކީ ކޮންމެހެންވެސް ކުރަން ލާޒިމު ކަމަކަށްފެންނާތީ،" އޭނާ ވިދާޅުވި އެވެ.
މުއްތަލިބު މި އިސްލާހް ހުށަހަޅުއްވުމުގެވ ކުރިން މިފަދަ ބިލެއް މަޖިލީހަށް ވެއްދުމަށްފަހު އަނބުރާ ގެންދެވީ ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދެވެ.
އެފަހަރު ގިނަ މެންބަރުންތަކެއް މަރުގެ އަދަބު ދިނުމަށް ތާއީދުކޮށް ވާހަކަ ދައްކާފައިވާއިރު، އަދި އެބިލަށް ވޯޓަށް އެހުމުގެ މަރުހަލާއަށް ގޮސްފައިވަނިކޮށް އަހްމަދު ރަޝީދު ބިލު އަނބުރާ ގެންދަވާފައިވަނީ، މިދިޔަ މާޗް މަހުގެ 21ގަ އެވެ.
ބިލް ނަންގަވަމުން އޭނާ ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހެއްކާބެހޭ ގާނޫނާއި ކްރިމިނަލް ޖަސްޓިސްއާބެހޭ އިސްލާހްތައް މަޖިލީހުން ފާސްވިހާ އަވަހަކަށް އެ އިސްލާހް އަލުން ހުށަހަޅުއްވާނެ ކަމަށެވެ.