22 Nov 2015, 20:45
ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ކުރިއަށް ގެންދާ "ސޯލްޓް ޕްރޮގްރާމް" އަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ސްޕޮންސަރު ކޮށްފިއެވެ.
ސޯލްޓް ޕްރޮގްރާމަށް ސްޕޮންސަރުކޮށްފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމުގެ "ފައިސަލް ފައުންޑޭޝަން" އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ "އެފްއެޗް ފައުންޑޭޝަން" އިންނެވެ.
ސޯލްޓް ޕްރޮގްރާމް އަކީ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންގެ ހުނަރު ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ލީޑަޝިޕް އެކެޑެމީއާ ގުޅިގެން ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.
ކުޑަކުދިންގެ ހިޔާ އިން ބުނީ ފައިސަލް ފައުންޑޭޝަންގެ ފަރާތުން ސޯލްޓް ޕްރޮގްރާމްގައި ހިމެނޭ ކުދިންނަށް އެއް މަހުގެ ފީ އެ ފައުންޑޭޝަންގެ ފަރާތުން ސްޕޮންސާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފްއެޗް ފައުންޑޭޝަނުން ސްޕޮންސަރުކޮށްފައިވަނީ ކިހިނެއް ކަމެއް ކުޑަކުދިންގެ ހިޔާ އިން ބުނެފައެއް ނުވެއެވެ.
ސޯލްޓް ޕްރޮގްރާމް އަމާޒުކޮށްގެން ހިންގަނީ ކުޑަކުދިންގެ ހިޔާގައި ތިބި ހަ އަހަރާ 18 އަހަރާ ދެމެދު ކުޑަކުދިންގެ ހިޔާގައި އުޅޭ 71 ކުދިންނަށެވެ. އެ ޕްރޮގްރާމުގައި ހަފްތާއަކު އަށް ސެޝަން އެއް ކުރިއަށް ގެންދާނެއެވެ.
ޕްރޮގްރާމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނަތު އަދުނާން ވިދާޅުވީ ސޯލްޓް ފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުމުގެ ގޮތުން ބޭނުންވާ ތަފާތު ހުނަރުތަށް ދަސްކޮށްދިނުން ކަމަށެވެ.
ޒީނަތު ވިދާޅުވީ އެ ޕްރޮގްރާމްގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް އިތުބާރުކޮށް އަމިއްލަ ނަފްސާމެދު އެނގެންޖެހޭ ކަންތައްތައް އަންގައިދިނުމާއި އެހެންކުދިންނާ އެކުގައި އުޅޭއިރު އުޅެންޖެހޭ ގޮތްތައް އެނގިގެން ދާނެ ކަމަށެވެ.