ބިމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައިވާ ބިން ނުވަތަ އިމާރާތެއް ވިއްކާއިރު ނަގާ ޓެކްސް ކުޑަކުރަން މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) އިން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެ އެވެ.

ބިމާ ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ވިއްކާ ނަމަ އެ އިމާރާތެއް ނުވަތަ ފުލެޓު ވިއްކާ އަގުގެ 15 ޕަސެންޓު ޓެކުހުގެ ގޮތުގައި އެ އިމާރާތެއް ވިއްކާ ފަރާތުން ދައުލަތަށް ދައްކަން ޖެހޭނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ބިމާ ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭ ގޮތުން އިގްތިސާދީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ މިހާރު ވެސް ދައުލަތަށް އެތައް ޓެކުހެއް ދައްކަމުންދާއިރު އިތުރަށް 15 ޕަސެންޓުގެ ޓެކުހެއް ދައްކަންޖެހިއްޖެ ނަމަ 35 ޕަސެންޓަށް ވުރެއް ބޮޑު ޓެކުހެއް ކޮންސްޓުރަކްޝަން ދާއިރާއިން ދައުލަތަށް ދައްކަންޖެހޭނެ ކަމަށެވެ. އެހެންކަމުން ގާނޫނަށް ފުރަތަމަ އަމަލު ކުރަން ފަށާއިރު އެ އަދަދު ކުޑަކޮށްދިނުމަކީ މަސީގެ އެދުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ނަގަމުން އަންނަ ހަ ޕަސެންޓުގެ ޓެކުހާއި އެކު އިތުރަށް ދެ ޕަސެންޓު ނެގުމަށް ތާއީދުކުރަން. އެހެންނަމަވެސް މިހާރު ބިލުގައި މިވާ 15 ޕަސެންޓުގެ ރޭޓު މާ ބޮޑު،" ޖަނާ ވިދާޅުވި އެވެ.

ޖަނާ ވިދާޅުވީ އެކަމުގެ ސަބަބުން ރިއަލް އެސްޓޭޓުގެ މާކެޓަށް އަސަރުކޮށް އެކަމުގެ ވާދަވެރިކަން ދަށްވެގެން ގޮސްފި ނަމަ ދައުލަތަށް ލިބޭ އާމްދަނީ ކުޑަވެގެން ހިނގައިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ރިއަސް އެސްޓޭޓުގެ ވިޔަފާރީގެ 90 ޕަސެންޓު ހަރަކާތްތެރި ވަމުންދަނީ ދިވެހިން ކަމަށެވެ. އަދި އެ ވިޔަފާރިވެރިން މިހާތަނަށް ކޮށްފައިވާ އެއްވެސް ޕްރޮޖެކްޓެއް ފެއިލްވެފައި ނުވާކަން އޭނާ ވަނީ މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރައްވާފަ އެވެ.

"އެބޭފުޅުންގެ ފޯމިއުލާ މިހާރު އެވަނީ އެސްޓޭބިލިޝްވެފައި. އެކަމަކު ވަރަށް އެހެންކަހަލަ ސްޓޭޖެއްގައި މިއޮތީ. އެބޭފުޅުންގެ ފޯމިއުލާ އެސްޓޭބިލިޝް މިވީ އެތައް އަހަރެއްގެ މަސައްކަތުން. އެހެންވީމަ އެ ވިޔަފާރި އިތުރަށް ފުޅާކޮށްގެން ދައުލަތުގެ އާމްދަނީ އިތުރު ކުރެވިގެން ދާނެކަން އަޅުގަނޑުމެންނަށް ބުލެކް އެންޑު ވައިޓުކޮށް ފެންނަން އެބައޮތް. އޮށްވާ އިތުރު ޓެކުހެއް އައިސްގެން އޭތި ބުރޭކް ކުރެވިއްޖިއްޔާ އަނެއްކާ ޖެހޭނީ ކޮންސްޓުރަކްޝަން އިންޑަސްޓްރީއަށް އައިކަހަލަ ކަމެއް ރިއަލް އެސްޓޭޓް އިންޑަސްޓްރީއަށް އައިސިއްޔާ އަނެއްކާ ޖެހޭނީ ސްޓިއުމިލަސް ޕެޖޭޖުތަކެއް ހަދަން. ދެން އޭރުން ދައުލަތަށްވާ ގެއްލުންމާ ބޮޑުވެގެންދާނެ،" ޖަނާހު ވިދާޅުވި އެވެ.

ޖަނާހު ވިދާޅުވީ ރާއްޖޭގައި ހައުސިން މަޝްރޫއުތަކަށް ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް އެހާ ބޮޑު ޓެކުހެއް ނަގާތީ އެކަމާ އިންވެސްޓަރުން ކަންބޮޑުވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި އަދި މިހާރު މަސީގެ އެޑްވައިޒަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ އިބުރާހިމް ރަފީގު ވިދާޅުވީ އެއްވެސް ގައުމެއްގައި ޓެކުހުގެ ނިޒާމަކީ ތަރައްގީ ހުއްޓުވާ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. ރާއްޖޭގައި ރިއަލް އެސްޓޭޓުގެ ވިޔަފާރި އަދި އޮތީ ވަރަށް ޅަފަތުގައިކަން ފާހަގަކުރައްވަމުން ރަފީގު ވިދާޅުވީ އިތުރު ޓެކުހެއް ނަގާ ކަމަށްވާ ނަމަ ވިޔަފާރިވެރިންނަށް އެކަންވާނީ "ބޮޑު ބުރައަކަށް" ކަމަށެވެ.

"މިހާރު ބިމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ މިވާ އިސްލާހުގެ ސަބަބުން ވިއްކާ ކޮންމެ ފުލެޓަކުން ގާތްގަނޑަކަށް 21 ވަރަކަށް ޕަސެންޓުގެ ޓެކުސް ދައުލަތަށް އެބަ ދައްކަންޖެހޭ. އަދި އިމާރާތް ކުރުމަށް ގެންނަ ތަކެތިން އެބަ ޑިއުޓީ ނަގާ. ބައެއް ބޭސިކް މެޓީރިއަލްސްއިން މިހާރު ޒީރޯ ޕަސެންޓު ނަގަނީ. އެހެންވިޔަސް ފިނިޝިން ތަކެއްޗަށް ޑިއުޓީ ނަގާ. އަޅުގަނޑު އޭގެ ހިސާބު ހަދާލިން. ހެދިއިރު އިމާރާތެއް ހަދާ ނިންމުމަށްފަހު އެ އިމާރާތް ވިއްކާލާއިރު ސަރުކާރަށް ކަސްޓަމްސް ޑިއުޓީން ފެށިގެން ތަފާތު އެކި ޓެކުހާއި އެއްކޮށް 35 ޕަސެންޓަށް ބޮޑުވާނެ. އެކަމުގެ ސަބަބުން އިންޑަސްޓްރީއަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ،" ރަފީގް ވިދާޅުވި އެވެ.