22 Nov 2015, 17:02
ނިޔުޔޯކް (ނޮވެމްބަރު 22) : ނިޔުޔޯކުން ފުރައިގެން އިސްތަންބޫލްއަށް ދަތުރުކުރި ތުރުކީ އެއަލައިންގެ މަތިންދާބޯޓެއްގައި ބޮމެއް އޮތްކަމުގެ ޚަބަރެއް ލިބިގެން އެބޯޓުގެ މިސްރާބު ބަދަލުކުރުމަށް ފަހު ކުއްލި ޙާލަތުގައި ކެނެޑާގެ ހެލިފެކްސް އެއަޕޯޓަށް ޖައްސައިފި އެވެ.
ކެނެޑާގެ ފުލުހުން ބުނީ ތުރުކީގެ ފަސިންޖަރު ބޯޓުގައި ބޮމެއް އޮތްކަމުގެ އިންޒާރެއް ލިބުނީ އެބޯޓު ނިޔުޔޯކުގެ ޖޯން އެފް ކެނެޑީ އެއަރޕޯޓުން ފުރިތާ 15 ވަރަކަށް މިނިއްޓު ތެރޭގައި ކަމަށާ އެއާ އެކު އެބޯޓު މައްސައްކަތްކުރީ ހެލިފެކްސް އެއާޕޯޓަށް ތިރިކުރުމަށް ކަމުގައެވެ. ދުއިސައްތަ ފަންސާސް ހަ މީހުންނާ އެކު އެބޯޓު ހެލިފެކްސް އެއަރޕޯޓްގައި ޖެއްސީ ސަލާމަތުން ކަމަށާ އަދި އެއަށް ފަހު ބޯޓު ބަލައި ޗެކްކުރުމުން މިހާތަނަށް ބޮމެއް ފެނިފައިނުވާ ކަމަށް ވެސް ކެނެޑާގެ ފުލުހުން ބުނެ އެވެ. ނަމަވެސް މިތަހްގީގްތައް އަދި ނުނިމޭކަމަށްވެ އެވެ.
މިދިޔަ ހަފްތާގައި ނިޔުޔޯކުން ޕެރިހަށް ދަތުރުކުރި އެއާފްރާންސްގެ ފަސިންޖަރު މަތިންދާބޯޓެއްގައި ވެސް ބޮމެއް އޮތްކަމުގެ ޚަބަރެއް ލިބިގެން އަނބުރައި ނިޔުޔޯކުގެ ޖޯން އެފް ކެނެޑީ އެއަރޕޯޓަށް ޖައްސާފައިވެ އެވެ. ނަމަވެސް އެބޯޓުން ވެސް ބޮމެއް ފެނިފައެއް ނުވެ އެވެ.
މިޚަބަރުތައް ފަތުރަމުން މިގެންދަނީ މިސްރުގެ ޝަރްމުއްޝައިޚް އެއަޕޯޓުން ފުރައިގެން ރަޝިޔާގެ ސެންޕީޓާސްބާގް އަށް ދަތުރުކުރި ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓެއްގައި ބޮމެއް ގޮވުމުގެ ސަބަބުން އެބޯޓު ވެއްޓުމުގެ ޙާދިސާއެއް ހިނގާފައި ވަނިކޮށެވެ. މީގެ އިތުރުން ތުރުކީއާއި ލުބްނާނާއި ފަރަންސޭސިވިލާތުގައި ބޮންތަކެއް ގޮއްވައިގެން އެތަށް ސަތޭކަ ބަޔަކު މަރާލާފައިވަނިކޮށެވެ. މި އަނިޔާވެރި ޖަރީމާތަކުގެ ޒިންމާ އުފުލާފައިވަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ.
ދުނިޔޭގެ ގައުމުތަކުގެ އެއަރލައިންތަކުގެ ފަސިންޖަރު މަތިންދާބޯތުތަކުގައި ބޮން ގޮއްވުމަށް މަސައްކަތްކުރާ ކަމުގެ އިންޒާރު ދިނުމުގެ ބޭނުމަކީ މީހުން ބިރުގެންނެވުން ކަމަށާ މިކަމުގެ ފަހަތުގައިވާ ކަމަށް ބެލެވެނީ އައިއެސް ޖަމާއަތް ކަމަށް ރިޕޯޓްތައް ބުނެއެވެ. އައިއެސްގެ ޓެރަރިސްޓް ޙަމަލާތަކެއް ގެ ބިރުބޮޑުކަމުން ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައިވަނީ ނުރައްކާތެރި ކަމުގެ އެލާޓް ނެރެފައެވެ. މިއެލާޓްއާއެކު އެސިޓީ ވަނީ މުޅިން ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައިސްފައެވެ.
އައިއެސްއަކީ އެމެރިކާ އާއި އިނގިރޭސިވިލާތުން އިރާގަށް އަރައި ހިންގި ހަރުކަށި އަދި އަނިޔާވެރި އަމަލުތަކާއި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ސޫރިޔާ ސިފައިން އެގައުމުގެ އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކަށް ބަދަލުހިފުމުގެ ގޮތުން އުފަންވެފައިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތެއް ކަމުގައިވަނީ ބެލެވިފައެވެ. ނަމަވެސް އައިއެސް ޖަމާއަތުގެ ޝިކާރައަކަށްވެސްވަނީ ބައްޝާރުގެ ސިފައިންނާއި އެމެރިކާ ސިފައިންގެ ޝިކާރައަކަށް ވެގެންދިޔަ ފަދަ ކުށެއްނެތް އާންމުންނެވެ. އެހެންކަމުން އައިއެސްވެސް ވަނީ އިރާގު ފަދަ ގައުމުތަކުގެ ކުށެއްނެތް މީހުންނާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ހިންގި ފަދަ އަނިޔާވެރި އަމަލުތައް ހިންގާ ޖަމާއަތަކަށް ވެފައެވެ.
އައިއެސްގެ ހަމަލާތަކުގައިވެސް ބޮޑަށް މަރުވެ އަދި ފަނާވަމުން ދަނީ މުސްލިމުންނެވެ. އަދި ހަލާކުވަމުން ދަނީ އިސްލާމީ ގައުމުތަކެވެ. (ނޫސްއެޖެންސީތައް)