22 Nov 2015, 15:07
ޔަންގޮން (ނޮވެމްބަރ 22) :މިޔަންމާގެ ކަޗިން ސްޓޭޓްގެ ޖޭޑް މައިނެއް ކައިރީ އިއްޔެ ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 70 މީހަކު މަރުވެއްޖެ އެވެ.
ހާދިސާގައި މަރުވި ގިނަ މީހުންނަކީ އަގުހުރި ޖަވާހިރެއް ކަމަށްވާ ޖޭޑް ހޯދުމަށް މަސައްކަތްކުރަމުން ދިޔަ މީހުން ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުންޏެވެ. މިޔަންމާއަކީ ދުނިޔޭގެ އެންމެ ރީތި އަދި އަގުބޮޑު ޖޭޑް ފެންނަ އެއް ގައުމެވެ.
މަރުވި މީހުންގެ އިތުރުން 100 މީހަކު ބިންގަނޑު ކަނޑައިގެން ދިޔުމަށް ފަހު އެއްވި ކުނީގެ ދަށުގައި ތާށިވެފައިވާ ކަމަށް ސަލާމަތީ ފަރާތްތަކުން ލަފާކުރެ އެވެ. ސަލާމަތީ ފަރާތްތަކުންނާއި ހާދިސާ ހިނގި އަވަށުގެ ރައްޔިތުން ދަނީ ދިރި ތިބި މީހުންނާއި މަރުވި މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ގުދުރަތީ މާއްދާތަކުގެ ނަހަމަ ގޮތުގައި ބޭނުން ކުރާ ފަރާތްތަށް ހޯދާ ޖަމާއަތެއް ކަމަށްވާ ގްލޯބަލް ވިޓްނަސް އިން ބުނި ގޮތުގައި ކޮންމެ އަހަރަކު ވެސް ޖަވާހިރު ހޯދުމަށް ޓަކައި މިޔަންމާގައި މަސައްކަތް ކުރާ ގިނަ ބަޔަކު ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަސައްކަތް ކުރަނީ މިޔަންމާގެ މުއްސަނދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށާއި ސަރުކާރުގެ އިސް ފަރާތްތަކަށެވެ.
މައުލޫމާތު: އޭޕީ