ށ. އަތޮޅު އަތޮޅު ކައުންސިލުގެ ޖަލްސާތަކުގައި ބައިވެރިވަޑައި ނުގެން ތިއްބެވުމަށް ފަހު ކައުންސިލްގެ އަށް ވަނަ ޖަލްސާގައި ބައިވެރިވެ، އެމްޑީޕީ ދެ ކައުންސިލަރުން، އެ ބޭފުޅުންގެ ގޮނޑި ހިމާޔަތްކޮށްފި އެވެ.

ކައުންސިލްތައް ހިންގުމުގެ ގައިވާއިދުގައި ބުނެފައިވާ ގޮތަށް ކައުންސިލްގެ އާންމު ބައްދަލުވުންތަކުގައި ޖެހިޖެހިގެން ހަތް ފަހަރު ކައުންސިލަރަކު ބައިވެރިވެ ވަޑައިނުގެންފިނަމަ މާގާމު ގެއްލޭނެ ކަމަށް ބުނެފައިވުމުން، ށ. އަތޮޅު ކައުންސިލްގެ ހަ ޖަލްސާއަށް ހާޒިރުނުވެ ތިއްބެވުމަށް ފަހު އެ ކައުންސިލްގެ އަށް ވަނަ ޖަލްސާގައި ބައިވެރިވެ ވަޑައިގެން އެމްޑީޕީގެ ދެ ކައުންސިލަރުން އެ ބޭފުޅުންގެ ގޮނޑި ހިމާޔަތްކުރެއްވެވީ މިއަދު އެވެ.
ޑީއާރްޕީގެ މެޖޯރިޓީ އޮންނަ ށ. އަތޮޅު ކައުންސިލްގެ ހަ ޖަލްސާއަކަށް ހާޒިރުނުވެ ތިއްބެވުމަށްފަހު މަގާމު ގެއްލިދާނެ ކަމުގެ ބިރަށް ކައުންސިލްގެ އެންމެ ފަހު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ ދެ ކައުންސިލަރުންނަކީ މިލަންދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ހޮވިވަޑައިގަތް ފިރާޤް އިބްރާހިމާއި އަބްދުﷲ އާތިފް އެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ މިއަދު ވިދާޅުވީ އަތޮޅު ކައުންސިލްގެ އެންމެ ފުރަތަމަ ޖަލްސާގައި ފިރާގާއި އާތިފު ބައިވެރިވެވަޑައިގެންނެވި ކަމަށާއި އޭގެ ފަހުން ޖެހިޖެހިގެން ހަ ޖަލްސާ ދޫކޮށްލެއްވުމަށް ފަހު އެ ދެ ބޭފުޅުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ އަށް ވަނަ ޖަލްސާގައި ކަމަށެވެ.
"މިލަންދޫގައި ބޭއްވި ޖަލްސާގައި އެންމެ ފުރަތަމަ އެ ދެ ބޭފުޅުން ބައިވެރިވި. ނަމަވެސް ށ. އަތޮޅުގެ ވެރިކަން ފުނަދުއަށް ބަދަލުކުރި ފަހުން ކައުންސިލްގެ އާންމު ހަ ބައްދަލުވުން ބޭއްވި އިރުވެސް ޖަލްސާއެއްގައި އެ ބޭފުޅުން ބައިވެރިއެއް ނުވޭ،" ފަތުހީ ވިދާޅުވި އެވެ.

ށ. އަތޮޅުގެ ކައުންސިލް ބައްދަލުވުންތަކުގައި އެމްޑީޕީގެ ކައުންސިލަރުން މިއަދު ބައިވެރިވެ ވަޑައިގެންނެވި އިރު އިއްޔެ ކ. އަތޮޅުގެ އެމްޑީޕީގެ ދެ ކައުންސިލަރުން ވެސް ވަނީ ކ. އަތޮޅުގެ ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވަން ފައްޓަވާފަ އެވެ.

ށ. އަތޮޅާއި ކ. އަތޮޅު ކައުންސިލް ބައްދަލުވުންތަކުގައި އެމްޑީޕީގެ ކައުންސިލަރުން ބައިވެރިވެވަޑައިނުގެންނެވީ އެ ދެ އަތޮޅު މަރުކަޒީ ރަށަކާމެދު ސަރުކާރާއި ކައުންސިލްތަކާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ.