22 Nov 2015, 13:30
ގިނަ ދުވަސްތަކަކަށްފަހު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.
އާދީއްތަ ދުވަހަށް ނާޒިމްގެ އިސްތިއުނާފު އަޑުއެހުން ތާވަލްކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ހައިކޯޓުން ބޭއްވި މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެެރެކޮށް ގެންގުޅުނުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ނާޒިމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.
އެ ހުކުމް އިއްވީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ކޯޓުގައި ހެކިބަސްދިނުމުންނެވެ.
ނާޒިމްގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު އައްބާސް ޝަރީފް ވަނީ ރިޓަޔާކުރައްވައިފަ އެވެ. އައްބާސްގެ އިތުރުން އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ނަމަވެސް އެ ދެ ބޭފުޅުން މިހާރު ވަނީ ހައިކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކޮށްފައެވެ.
ނާޒިމްގެ މައްސަލަ ކްރިމިނަލް ކޯޓުން ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ސުޖާއު އުސްމާނާއި އަބްދުﷲ ދީދީ މިހާރު ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރައްވައިފަ އެވެ.
ނާޒިމްގެ މައްސަލަ ހައިކޯޓުގައި ތާވަލްކުރުން ލަސްވެގެން އޭނާގެ ގާނޫނީ ޓީމާއި އާއިލާއިން ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.