ފަނަރަސަތޭކަ އަށް ވުރެ މަދު އާބާދީތަކުގައި ތިން ކައުންސިލަރުން އިންތިހާބު ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާހެއް ނުވި އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު ހުށަހަޅުއްވާފައިވާ އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 54 މެމްބަރުންގެ ވޯޓު ދެއްވި އެވެ.

އެގޮތަށް އިސްލާހު ފާސްނުވުމުން އެ ބިލު އަނބުރާ ކޮމެޓީ އަށް އަނބުރާ ފޮނުވުމަށް މިއަދު ވަނީ ނިންމައިފަ އެވެ. އެ ބިލް އަނބުރާ ކޮމެޓީ އަށް ފޮނުވާލަން ފާސްކުރީ 46 މެމްބަރުންގެ ވޯޓުން ނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ 1500 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެމްބަރުން ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ޏ. ފުވައްމުލަކަކީ އެއްފަސްކޮށް އޮތް އަށް އަވަށެއްގެ މައްޗަށް އެކުލެވޭ އިދާރީ ދާއިރާއެއް ކަމަށެވެ. އަދި ކޮންމެ އަވަށަކީ އިދާރީ ގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވޭ ރަށެއްގެ ގޮތުގައި ރަށްތަކަކަށް ވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ފުވައްމުލަކުގައި ކަނޑައެޅުމުގައި ވެސް ކޮންމެ ރަށަކީ ވަކި ރަށެއްގެ ގޮތުގައި ބަލާފައިވާ ކަމަށެވެ. އެހެންކަމުން އެއިން ކޮންމެ އަވަށެއްގައި ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ރަށު ކައުންސިލެއް އޮންނަންވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ރަށު ކައުންސިލުގެ އުމުރަކީ ތިން އަހަރު ކަމަށެވެ. އަދި ކައުންސިލު އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން މުޅިން އާ ކައުންސިލެއް އިންތިހާބު ކުރަންވާނެ ކަމަށާއި އަދި ކައުންސިލު އުމުރު ހަމަވުމުގެ 30 ދުވަހުގެ ކުރިން އިންތިހާބު ކުރެވޭ އާ ކައުންސިލުގެ އުމުރު ގުނަން ފަށާނީ ހިނގަމުންދާ ކައުންސިލުގެ އުމުރު ހަމަވާ ތާރީހުން ފެށިގެން ކަމަށް ވެސް އިސްލާޙުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ ފަރާތުން މީގެ ކުރިން ވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ.