މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކުގެ ތަފްސީލް މޯލްޑިޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ އަށް ނޭގޭ ކަމަށް އެ އޮތޯރިޓީ އިން ބުނެފި އެވެ.

މީރާގެ ޑިރެކްޓާ ޖެނެރަލް، އޮޑިޓް އެންޑް އިންވެސްޓިގޭޝަން ފަތުހުﷲ ޖަމީލް މިއަދު "ސަން" އަށް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ފައިސާ ދައްކަން ރަށެއް ދޫކޮށްފައިވާކަން އެ އިދާރާ އަށް އަންގާފައިވާ ނަމަ އެ ފައިސާ ބަލައިގަތުމުގެ މަސައްކަތް މީރާ އިން ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ތަނަކަށް ނުވަތަ ބަޔަކަށް ރަށެއް ދޫކޮށްފައިވާ ނަމަ އެކަން މީރާއަށް އަންގާނީ ޓޫރިޒަމް މިނިސްޓްރީން ކަމަށެވެ.

"ސަރުކާރު ކުންފުނިތަކުން ކުރާ ކަންކަން ދެން އަޅުގަނޑުމެންނަށް ނޭނގިދާނެ. އެއީ ރިސޯޓުތައް ދޫކުރުން މި އޮންނަނީ ޓޫރޒިަމް މިނިސްޓްރީން. އެ މިނިސްޓުރީން ރަށްތައް ދޫކޮށްފައި މި އަންގަނީ މީރާއަށް މިވެނި ރަށެއް ދޫކޮށްފައިވާނޭ މިވެނި ގޮތަކަށް ފައިސާ ބަލައިގަންނާށޭ. އެގޮތަށް އަޅުގަނޑުމެން ފައިސާ ބަލައިގަތުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ދަނީ،" ފަތުހުﷲ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ އިން ދޫކޮށްފައިވާ ގިނަ ރަށްތަކަކުން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާގެ މައްސަލައެއް ފުލުހުން މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެމްއެމްޕީއާރްސީގެ އޮޑިޓެއް އޮޑިޓު އޮފީހުން ވެސް މިހާރު އަންނަނީ ކުރަމުން ނެވެ.

އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާތައް ހޯދޭނެ ކަމަށް މިހާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ބަޖެޓު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފަ އެވެ. ޒަމީރު ވިދާޅުވީ 60 ރަށެއްގެ ވާހަކަ ދެކެވޭ އިރު އޭގެ ތެރެއިން ބައެއް ރަށްތަކާއި ފަޅުތަކުގެ 20 ޕަސެންޓް ރެވެނިއު ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބާކީ 80 ޕަސެންޓް އެ ފައިސާއަކީ ޓްރާންސްޕޭރެންޓްކޮށް ގެއްލިގެން ނުދާނެ ގޮތަކަށް ދައުލަތަށް ނެގޭނެ ފައިސާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.