22 Nov 2015, 12:56
ރައްކާތެރި އަދި އިގްތިޞާދީ ގޮތުން ދެމެހެއްޓެނިވި އޭވިއޭޝަން ސިސްޓަމެއް ގާއިމު ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު، އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވަސިޓީގެ ބިޒުނަސް ފެކަލްޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެއާ އޮޕަރޭޝަންސް އަދި ފްލައިޓް ކުރޫ ލައިސެންސިންގެ ގަވާއިދުތައް ހަރުދަނާ ކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އިއާސާ) އާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިހާރު ވެސް ރާއްޖޭގެ އެއާ ލައިންތަކުން ބައިނަލްއަގުވާމީ ދަތުރުތައް ކުރާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އާ ގަވާއިދުގެ ސަބަބުން އޭވިއޭޝަން ސިނާއަތަށް އެކި ގޮތްގޮތުން ކުރިއެރުން ލިބޭނެ ކަމަށެވެ.
"އާ ގަވާއިދުގެ ސަބަބުން ރާއްޖޭގެ އެއާލައިންތައް މާކެޓުގައި ވާދަ ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެ. އަދި ޖެނެރަލް އޭވިއޭޝަން އަދި ހެލިކަޕްޓަރު އޮޕަރޭޝަންތަކަށް ވެސް މަގު ހުޅުވިގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.
މިއަދު އިފްތިތާހު ކުރި ބައްދަލުވުމުގައި ރާއްޖޭގައި އެކުލަވާލާފައިވާ އޮޕަރޭޝަންސް އަދި ފްލައިޓު ކުރޫ ލައިސެންސިންގް ގަވާއިދުތައް، މުޠާލިއާކޮށް ރާއްޖެ ފަދަ ގައުމަކަށް އެންމެ އެކަށޭނެ ގޮތަށް ބަދަލު ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގަވާއިދުތައް މުޠާލިއާ ކުރަން ހަމަޖެހިފައި ވަނީ އިއާސާގެ ގަވާއިދުތައް އަސްލަކަށް ބަލައިގެންނެވެ.
އެ ބައްދަލުވުން ކުރިއަށް ދާނީ މި މަހު 22 ވަނަ ދުވަހުން އަންނަ މަހު 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމަތު ދެއްވާނީ އިއާސާގެ ގަވާއިދުތައް އެކުލަވާލުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ތަޖުރިބާކާރުން ކަމަށް ވެސް ސިވިލް އޭވިއޭޝަނުން ބުންޏެވެ.