22 Nov 2015, 12:28
އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް 4-1 އިން މެންޗަސްޓާ ސިޓީއަތުން މޮޅުވި އިރު ޗެލްސީ ވަނީ ނޯވިޗް ސިޓީ އަތުން 1-0 އިން މޮޅުވެފަ އެވެ. ވެސްޓް ބްރޮމް އަތުން އާސެނަލް ބަލިވީ 2-1 އިންނެވެ.
ތާވަލްގެ އެއްވަނާގައި 28 ޕޮއިންޓާ އެކު އޮތީ ލެސްޓާ ސިޓީ އެވެ. ރަށުން ބޭރުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން ލެސްޓާ މޮޅުވީ 3-0 އިންނެވެ. ދެވަނާގައި 27 ޕޮއިންޓާ އެކު އޮތީ ޔުނައިޓަޑެވެ. ތިން ވަނާގައި 26 ޕޮއިންޓާ އެކު ސިޓީ އޮތް އިރު، ހަތަރު ވަނައިގައި އޮތީ އާސެނަލް އެވެ.

ލިވަޕޫލާއި ސިޓީ ބައްދަލުކުރި މެޗްގެ ތެރެއިން --- ފޮޓޯ:އޭޕީ
ސިޓީގެ ދަނޑުގައި ކުޅުނު އެ މެޗުގައި ލިވަޕޫލްއިން މޮޅު ކުޅުމެއް ދެއްކި އިރު، މެޗުގެ ހަތް ވަނަ މިނެޓްގައި ލިވަޕޫލްއިން ވަނީ މެޗުގެ ލީޑުނަގައިފަ އެވެ. މި ގޯލަކީ ސިޓީގެ ޑިފެންޑަރު، މަންގާލާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗުގެ 23 ވަނަ މިނެޓްގައި ފިލިޕް ކުޓީނިއޯ ލިވަޕޫލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިންއިރު، އޭގެ ދިހަ މިނެޓްފަހުން ރޮބާޓާ ފަމީނޯ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ތިން ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ނިންމާލަން ލިވަޕޫލްއިން ދިޔަ ނަމަވެސް، ސާޖިއޯ އަގުއެރޯ ވަނީ ހާފް ނިމުމުގެ ކުރިން ގޯލެއް ކާމިޔާބުކޮށް ސިޓީގެ ސުން ކަޑުވާލަދީ، ލިވަޕޫލްގެ ލީޑު ހަނިކޮށްފަ އެވެ.
މެޗުގެ ލިވަޕޫލްގެ ފަހު ލަނޑު 80 ވަނަ މިނެޓްގައި މާޓިން ސްކާޓެލް ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޗެލްސީއާއި ނޯވެޗް ސިޓީ ބައްދަލުކުރި މެޗްގައި ސިޓީގެ ކޯސްޓާ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ --- ފޮޓޯ:އޭޕީ
ތިން މެޗަށް ފަހު ލީގުގައި މޮރީނިއޯގެ ޗެލްސީ ވަނީ ފުރަތަމަ މޮޅު ހޯދައިފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗްގައި ނޯވިޗް ސިޓީ ކޮޅަށް ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޮސްޓާ އެވެ. މިއީ ފާއިތުވި ހަތް މެޗުގެ ތެރޭގައި ކޮސްޓާ ޖެހި ފުރަތަމަ ލަނޑެވެ.
ވެސްޓްބްރޮމް އަތުން ބަލިވެ އާސެނަލްއަށް ވަނީ ލީގުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.
ވެސްޓްބްރޮމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ އާސެނަލްއިންނެވެ. އޮޒިލް ދިން ޕާހަކުން މި ގޯލް މެޗުގެ 28 ވަނަ މިނެޓްގައި އާސެނަލްއަށް ކާމިޔާބުކޮށްދިނީ، އޮލިވިއޭ ޖިރޫޑް އެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓްގައި މޮރިސަން ވަނީ ވެސްޓްބްރޮމްއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސްޓްބްރޮމްއިން ވަނީ މެޗުގެ ލީޑުވެސް ނަގައިފަ އެވެ. ވެސްޓްބްރޮމްގެ ދެވަނަ ގޯލަކީ، އާސެނަލްގެ މިޑްފިލްޑަރު މިކޭލް އާޓެޓާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

އާސެނަލްއާއި ވެސްޓްބްރޮމް ބައްދަލުކުރި މެޗްގެ ތެރެއިން --- ފޮޓޯ:އޭޕީ
މެޗުގެ ދެވަނަ ހާފްގައި އާސެނަލްއިން ނަތީޖާ އެއްވަރުކުރުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު މެޗުގެ 82 ވަނަ މިނެޓްގައި ލިބި ވަނީ ބޭކާރުވެފަ އެވެ. އެގޮތުން އާސެނަލް އަށް ލިބުނު ޕެނަލްޓީއެއް ކަޒޯލާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ސައުތުހެމްޓަން އަތުން 1-0 އިން ސްޓޯކް ސިޓީ މޮޅުވި އިރު، އެވަޓަން ވަނީ 4-0 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. އަދި ސްވަންސީ އާއި ބޯންމައުތު ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.