22 Nov 2015, 13:26
ކޮލަމްބޯ (ނޮވެމްބަރ 22) :ސްރީލަންކާގައި ހިނގައި ދިޔަ ނަސްލީ ހަނގުރާމާގައި ކުށްވެރިންނަށް އަނިޔާ ކުރުމަށް ހާއްސަ ސިއްރު ޖަލުތަކެއް ހިންގި ކަމަށް ޔޫއެން އިން ކުރާ ތުހުމަތުތައް ސްރީލަންކާ ނޭވީގެ ރިޓަޔާޑު އެޑްމިރަލް ވަސަންތާ ކަރަންނަގޮޑާ ދޮގުކުރައްވައިފި އެވެ.
ޔޫއެންގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ޓުރިންކޮމަލީ ސިޓީގެ ނޭވީ މަރުކަޒުގެ ބިމު އަޑީގައި 'ގަވާއިދާ ޚިލާފަށް ހަދާފައި ހުރި ސިއްރު' 12 ޖަލު ގޮޅި ހުރިކަމަށެވެ. އެ ގޮޅިތައް ބޭނުން ކޮށްފައި ވަނީ ޓަމިލް ނަސްލުގެ ގައިދީންނަށް އަނިޔާ ކުރުމަށް ކަމަަށް ޔޫއެން އިން ލަފާކުރެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ލަންކާގެ ސަރުކާރަށް އެ ޖަމާއަތުން ގޮވާލައިފައިވެ އެވެ.
ނަމަވެސް ކަރަންނަގޮޑާ ވިދާޅުވީ އެ ޖަލުތަކަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ވައިގެ ހަމަލާތަކުން ރައްކާތެރިވުމަށް ސްރީލަންކާ އިން ހެދި ޖަލުތަކެއް ކަމަށެވެ. އަދި ފަހުން އެތަން ބޭނުން ކޮށްފައި ވަނީ ލަންކާގެ އަސްކަރިއްޔާ އަށް އެއްބާރުލުން ދިން ޓަމިލް ހަނގުރާމަވެރިން ރައްކާތެރި ކުރުމަށް ކަމަށެވެ.
"އެމީހުން [އަސްކަރިއްޔާ އަށް އެއްބާރުލުން ދިން ޓަމިލް ހަނގުރާމަވެރިން] ރައްކާތެރި ކުރުމަށް ނޭވީ އަށް ބޭނުންކުރަން ޖެހުނީ ކުރިން ބޭނުން ނުކޮށް ހުރި އިމާރާތްތައް. އެހެންވެ އެ ގޮޅިތައް ބޭނުން ކުރީ. އަޅުގަނޑުމެން ނުހުންނާނެ އަނިޔާކުރަން ހާއްސަ ޖަލުތަކެއް ހަދާފައި،" ކަރަންނަގޮޑާ ވިދާޅުވި އެވެ.
ޖެނުއަރީގައި ވެރިކަމަށް އައި ރައީސް މާތިރިޕާލާ ސިރިސޭނާގެ ސަރުކާރުން ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ނިންމާފައި އެވެ. ވެރިކަމަށް އައުމަށް ފަހު ސިރިސޭނާގެ ސަރުކާރުން ވަނީ 37 އަހަރު ވަންދެން ހިނގައި ދިޔަ ނަސްލީ ހަނގުރާމާގައި ބައިވެރިވި ދެ ފަރާތުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކަށް އެކަށީގެންވާ އަދަބު ދިނުމަށް ވައުދުވެފަ އެވެ.
މައުލޫމާތު: އޭއެފްޕީ