އިސްލާމީ މަރުކަޒު މަރާމާތު ކުރުމާ ބެހޭގޮތުން ހަލީފާ ފައުންޑޭޝަނާއެކު އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމާ ބެހޭގޮތުން 'ސަން' އަށް މައުލޫމާތު ހިތްސާކުރައްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ އިސްލާމީ މަރުކަޒުގައި މިހާރު މަރާމާތު ކުރަންޖެހިފައި ހުރި ކަންކަމާ ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކާފައިވާ ކަމަށެވެ.

އިސްލާމީ މަރުކަޒު މަރާމާތު ކުރުމާ ބެހޭގޮތުން ހަލީފާ ފައުންޑޭޝަނާއެކު އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރު މަޝްވަރާ ކުރައްވަނީ -- ފޮޓޯ -- އިސްލާމިކް މިނިސްޓްރީ

އިސްލާމީ މަރުކަޒުގައި ފަންކާ ހަރުނުކޮށް ހުރި ހިސާބުތަކުގައި ފަންކާ ހަރުކުރުމާއި ކުލަ އާ ކުރުމާއި ފާހާނާ މަރާމާތު ކުރުމަށްވެސް މަޝްވަރާ ކުރެވިފައިވާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތަންތަން މަރާމާތު ކުރުމަށް ހަލީފާ ފައުންޑޭޝަނުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"އެބޭފުޅުން ބޭނުންވޭ މަރާމާތުކޮށްދެން އިސްލާމީ މަރުކަޒު. އެހެންވެ އަޅުގަނޑުމެން ޕްރޮޕޯސަލް ހުށައަޅައިގެން އެމަސައްކަތް ކުރިއަށްގެންދަން މަސައްކަތް ކުރަމުން މިދަނީ " އިބްރާހިމް އަހުމަދު ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ސަރަހައްދު ބޮޑުކޮށް އެއްފަހަރާ 20،000 މީހުންނަށް ނަމާދުކުރެވޭގޮތަށް މަރުކަޒުގެ ބޭރު ތައްޔާރު ކުރުމުގެ މަސައްކަތް ހައުސިންގް މިނިސްޓްރީއިން ދަނީ މިހާރުވެސް ކުރަމުންނެވެ.