22 Nov 2015, 10:13
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލައްވާފައިވާ ގ. ސައިމާ، އާއިޝަތު ބިޝާމަށް ރުހުންދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ބިޝާމް ޕީޖީގެ މަގާމަށް އައްޔަންކުރުމާ މެދު ރައްޔތިުންގެ މަޖިލީހުން ފެންނަގޮތެއް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެ. ބިސާމްއަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުވީ އެ ސިޓީ މިއަދު މަޖިލީހުގެ ތަޅުމުގައި އިއްވުމަށް ފަހު އެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެމަގާމަށް އެދި ކުރިމަތިލާފައި ވަނީ ހަމަ އެކަނި ބިސާމް އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމު ހުސްވެފައި ވަނީ، އެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމުންނެވެ. އޭނާ މަގާމުން ދުރުކޮށްފައި ވަނީ ޕީޖީގެ މަގާމުގެ މަސްއޫލިއްޔަތުގެ ދަށުން ލިބިފައިވާ މައުލޫމާތު ކަމާ ގުޅުން ނެތް ފަރާތްތަކާ ހިއްސާކޮށްފައިވާތީ އާއި ޖިނާއީ މައްސަލަތަކުގެ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކާ މެދު ވަކި ގޮތަކަށް އަމަލު ކުރުމަށް ޓަކައި ކުށުގެ ތުހުމަތުގައިވާ ފަރާތްތަކާއި މަޝްވަރާކޮށް ވަކި މަންފާއެއް ހޯދައި ދިނުމަށް ޕީޖީގެ މަގާމުގައި ހުންނެވި މުހުތާޒު މަސައްކަތް ކޮށްފައިވާތީ އެވެ.