ބްރަސަލްސް (ނޮވެމްބަރު 22) : ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައިވާ ވިޔަފާރީގެ މަރުކަޒުތަކާއި ރޭލްވޭ ސްޓޭޝަންތަކަށް ޓެރަރިސްޓް ޙަމަލާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ބެލްޖިޔަމްގެ ސަރުކާރުން ދިނުމާގުޅިގެން އެސިޓީ މުޅިން ހުއްޓުމަކަށް އައިސްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޚާރުބާރު ބޮޑު އަދި އާދަޔާ ޚިލާފަށް ހަރަކާތްތައް ގިނަ ބްރަސަލް ސިޓީ މިއިންޒާރާއެކު ވަނީ މުޅިން ހުއްޓުމަކަށް އައިސްފަ އެވެ. ސަލާމަތީ ބާރުތައް އެސިޓީގެ މުހިއްމު ސަރަހައްދުތަކާއި މަރުކަޒުތަކުގެ ކައިރީގައި ފޯރި މަރަމުން ގެންދާއިރު މަގުތަކާއި ވިޔަފާރީގެ މަރުކަޒުތަކާއި ރޭލްވޭ ސްޓޭޝަންތަކުން މީހުން ހުސްވެ މުޅި ބްރަސަލްސް ވަނީ ފަޅުވެފަ އެވެ.

ބެލްޖިޔަމްގެ ބޮޑުވަޒީރު ޗާލް މިޝޭލް ވިދާޅުވީ ޕެރިހަށް ދާދިފަހުން ދިން ބާވަތުގެ ޓެރަރިސްޓް ޙަމަލާތަކެއް ބްރަސަލްސްގެ ވިޔަފާރީގެ މަރުކަޒުތަކާއި ރޭލްވޭ ސްޓޭޝަންތަކަށް ދިނުމަށް ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ ބަޔަކު މަސައްކަތް ކުރަމުންގެންދާކަމުގެ ޖާސޫސީ މައުލޫމާތުތަކާ ގުޅިގެން އެސިޓީގެ އަމަނާބެހޭ ޙާލަތު ނުރައްކާތެރި ކަމުގެ ހަތަރު ވަނަ ލެވެލްގައިވާ ކަމަށާ ޒަރޫރީ ހާލަތެއްގައި ނޫނީ ގެދޮރުން ނުނުކުމެ ތިބުމަށް އޭނާގެ ސަރުކާރުން ރައްޔިތުންނަށް އަންގާފައިވާނެ ކަމުގަ އެވެ. ޗާލް މިޝޭލްގެ މިއިންޒާރަށް ފަހު ބެލްޖިޔަމްގެ ސަލާމަތީ ބާރުތަކުންވަނީ ބްރަސަލްސްގެ ކައިރީގައިވާ ވިލެޖަކުން ހަ މީހުން ހައްޔަރުކޮށްފަ އެވެ. އަދި ޕެރިހުގެ ހަމަލާތަކާ ގުޅުން ހުރި ކަމުގެ ތުހުމަތު ބެލްޖިޔަމްގެ ޕްރޮސެކިއުޓާ ވަނީ މީގެ ތެރެއިން ތިންމީހެއްގެ މައްޗަށް ކުރައްވާފަ އެވެ.

މިކަންތައްތަކާ އެކު މުޅި ބްރަސަލްސް ވަނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ބެލްޖިޔަމްގެ ސަރުކާރުގެ މިނިންމުމާއެކު ބްރަސްލްސްގައި ހުންނަ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ އެންބަސީތަކުން ވަނީ އެސިޓީގައި ދަތުރު ފަތުރުފަތުރު ކޮށްއުޅުން ރައްކާތެރި ނޫންކަމާއި އަދި އެސިޓީގައި އުޅޭއިރު ވީ އެންމެ ބޮޑަކަށް ބަލައިގެން އުޅުމަށް އެގައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސްކޮށް ބަޔާންތައް ނެރެފަ އެވެ. މީގެ އިތުރުން އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ވަނީ މިދުވަސްވަރު ބެލްޖިޔަމްއަށް ދިޔުން ރައްކާތެރި ނޫންކަމުގެ އިންޒާރުތައް އެގައުމުތަކުގެ ރައްޔިތުންނަށް ދޭ ޓްރެވަލް އެޑްވައިޒަރީތައް ވެސް ނެރެފައިވެ އެވެ. ބްރަސަލްސްއަކީ ވިލާތުގެ އިއްތިޙާދުގެ އިދާރީ އަދި ޑިޕްލޮމެޓިކް މައި މަރުކަޒެވެ. (އަލްޖަޒީރާ)