22 Nov 2015, 09:57
ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ނެރެވުނީ އެންމެ ރަނގަޅު ފުރަތަމަ 11 ކުޅުންތެރިން ނެއް ނޫން ކަމަށް ރެއާލްގެ ކޯޗް ރަފޭލް ބެނިޓޭޒް ބުނެފި އެވެ.
ލީގްގެ އެއްވަނާގައި އޮތް ބާސާ ދެވަނާގައި އޮތް ރެއާލް ކޮޅަށް ހަތަރު ގޯލް ޖެހި އެ މެޗަށް ފަހު ވާހަކަ ދައްކަމުން ބެނިޓޭޒް ބުނީ މެޗް ދިޔައީ ރެއާލްއިން ބޭނުންވި ގޮތައް ނޫންކަމަށާއި އެ މީހުން ބޭނުންވީ ވަރުގަދަ އެޓޭކިން ގޭމެއް ކުޅެން ކަމަށެވެ. އެހެން ނަމަވެސް އެ ގޮތައް މެޗް ކުރިއަށް ނުދިއުމުން ބެނިޓޭޒް ބުނީ އޭނާ އަށް ދެން ބުނެވޭނީ މެޗަށް ނެރެވުނީ ގޯސް ފުރަތަމަ 11 ކުޅުންތެރިން ކަމަށެވެ.
"އެ މެޗްގައި އަހަރެމެންނަށް މިސްޓޭކްތަކެއް ހެދުނު އެ ކަމުގެ ބަދަލެއްގެ ގޮތުގައި އަހަރެމެން މި ބަލިވީ. އަހަރެމެން ބޭނުނަވަނީ ފެންވަރު ރަނގަޅު ތަޖުރިބާ ހުރި ކުޅުންތެރިން. މިއަށް ވުރެން ރަނގަޅު ކުޅުމެއް މި ޓީމްގެ ފަރާތުން ފެންނަން ޖެހޭ. ބަލިވުމުގެ ޒިންމާ އަހަރެމެން އެންމެން ވެސް ނަގަން ޖެހޭ އަދި އެ ކަމަށް ހައްލެއް ވެސް ހޯދަން އިބަ ޖެހޭ." ބެނިޓޭޒް ބުންޏެވެ.

ރެއާލުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ: ރޭގެ މެޗްގައި އޭނާ އަށް ބާސާގެ ގޯލަށް އެންމެ ޝޮޓެއް ފޮނުވާލި އިރު މުޅި މެޗުގައި އޭނާ އަށް އެކަށީގެންވާ ކުޅުމެއް ނުދެެއްކޭ --- ފޮޓޯ:އޭޕީ
ރޭގަވީ ބޮޑު ބައްޔާ އެކު ރެއާލް ދެ ވަނައިގައި 24 ޕޮއިންޓާ އެކު އޮތްއިރު ބާސެލޯނާ 30 ޕޮއިންޓާ އެކު އޮތީ އެއް ވަނައިގަ އެވެ. ތިން ވަނައިގައި 23 ޕޮއިންޓާ އެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
ބެނިޓޭޒް ބުނީ ރެއާލް މެޑްރިޑަކީ ރަނގަޅު މޮޅު ޓީމެއް ކަމަށާއި އެ މެޗްގައި ހެދުނު ގޯސްތައް ބަލައި ރަނގަޅު ކޮށްގެނެ ކުރިއަށް އޮތް މެޗްތައް ކާމިޔާބް ކުރަން ތައްޔާރު ވާން ޖެހޭ ކަމަށެވެ.
"އަހަރެމެން ބަލިވިއަސް މޮޅުވިއަސް އެކަމުގައި އަހަރެމެންގެ ހިއްސާ ވާނެ. ބާސެލޯނާ އަތުން ބަލިވުމުން ވަރަށް ހިތް ދަތިވެއްޖެ. އެހެންވީމާ އަހަރެމެން އެބަޖެހޭ ވަރަށް ބޮޑަށް ރަނގަޅުކުރަން އެހެން ކަމުން ކުރިއަތް އޮތް މެޗްތަކަށް ރަނގަޅައް ތައްޔާރުވެ ޕޮއިންޓް ހޯދަން އިބަޖެހޭ ލީގައް ވާދަކުރާނަމަ."
މިއީ ރެއާލް މެޑްރިޑް ލީގްގައި ޖެހިޖެހިގެން ބަލިވި ދެ ވަނަ މެޗަށްވާ އިރު އަމިއްލަ ދަނޑުގައި 23 މެޗަށް ފަހު ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ ލީގު ޗެމްޕިއަންކަން ހޯދުމަށް އެ ޓީމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.