ސޯލް(ނޮވެމްބަރ 22) :ދެކުނު ކޮރެއާގައި ގިނަ އަހަރުތަކެއް ވަންދެން އަސްކަރީ ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް ކިމް ޔަންގް ސަމް އުމުރުން 87 އަހަރުފުޅުގައި މިއަދު އަވަހާރަވެއްޖެ އެވެ.

ކިމް ޔަންގް ސަމް އަވަހާރަވީ ސޯލް ނެޝަނަލް ޔުނިވާސިޓީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެ ހޮސްޕިޓަލްގެ ވެރިޔާ އޯ ބިއުންހީ ވިދާޅުވީ ބުރާސްފަތި ދުވަހު ކިމް ހޮސްޕިޓަލަށް ވަޑައިގަތީ ހުން އައިސްގެން ކަމަށެވެ.

ކިމް އަވަހާރަވީ ލޭގެ އިންފެކްޝަނެއް ޖެހުމުންނާއި ހިތުގެ މައްސަލަތަކުގެ ސަބަބުން ކަމަށް އޯ ވިދާޅުވި އެވެ.

ކިމް ވަނީ ދެކުނުކޮރެއާގެ އަސްކަރީ ވެރިކަން ނައްތާލުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ކިމް އުފަންވެފައި ވަނީ ކޮރެއާގެ މަސްވެރިކަން ކުރާ މުއްސަނދި އާއިލާ އަކަށް 20 ޑިސެމްބަރު 1927ގަ އެވެ.

ނަވާރަސަތޭކަ ފަންސާސް ހަތް ވަނަ އަހަރު ކިމް ދެކުނު ކޮރެއާގެ ނެޝަނަލް އެސެމްބްލީއަށް ހޮވި ވަޑައިގެންނެވީ އެންމެ ހަގު މެމްބަރުގެ ގޮތުގަ އެވެ.

ވެރިކަން ކުރާ ޕާޓީއަށް އެންމެ ފުރަތަމަ ތާއިދު ކުރެއްވުމަށް ފަހު އެ ޕާޓީން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން އެއްބަސް ނުވުމުން ކިމް އިދިކޮޅު ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ.

ދެކުނުކޮރެއާއަށް ޑިމޮކްރަސީ ގެނައުމަށް ޓަކައި ސަރުކާރާއި ދެކޮޅަށް ކިމް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން އޭނާ ވަނީ ދެ ފަހަރަކު ގޭ ބަންދުގައި ބަހައްޓާފައި އެވެ. އަދި އޭނާ ވަނީ ސަރުކާރުން އިދިކޮޅު ސިޔާސީ ފަރާތްތަކާ މެދު އަމަލު ކުރާ ގޮތާ ދެކޮޅަށް ނުރުހުން ފާޅުކުރެއްވުމުގެ ގޮތުން 23 ދުވަހުގެ ބަނޑުހައި ހޫނުކަމުގެ ހަޅޫތާލެއް ކުރައްވައިފަ އެވެ.

ދެކުނު ކޮރެއާގެ ވެރިއަކަށް ކިމްވެ ވަޑައިގެންނެވީ 1992ގައި އެވެ. އަދި ވެރިކަމުން އިސްއުފާ ދެއްވީ 1998ގަ އެވެ.

ކިމް އަވަހާރަވީ އިރު އެބޭފުޅާގެ އަނބިކަލަކާއި ފަސް ކުދިން އެބަތިބި އެވެ.

މައުލޫމާތު: އޭޕީ