ނިއުދިއްލީ، އޭޕީ) ޕާކިސްތާނުން ވަކިވެ، ބަންގްލަދޭޝް މިނިވަން ވުމަށް 1971 ވަނަ އަހަރު ކުރި ހަނގުރާމައިގައި، ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ކުށުގައި އެގައުމުގެ އިދިކޮޅު ދެ ލީޑަރަކު ދަންޖައްސައިފި އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ސެންޓްރަލް ޖެއިލްގެ ސީނިއަރ ޖެއިލް ސުޕްރިންޓެންޑެންޓް މުޙައްމަދު ޖަހާންގީރު ކަބީރު އެސޯސިއޭޓެޑް ޕްރެސް( އޭޕީ) އަށް ބުނީ ބަންގްލަދޭޝް ނެޝަނަލް ޕާޓީގެ ލީޑަރު ޞަލާޙުއްދީން ޤުއާދަރު ޗައުދަރީ އާއި ޖަމާއަތޭ އިސްލާމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އަޙުސަން މުޙައްމަދު މުޖާހިދު ދަންޖައްސައި މަރައިލީ އެއްވަގުތެއްގަ އެވެ. އެއީ ރޭ މެންދަމުން އަލިވެ 12.55 ގަ އެވެ.

އެ ދެ މީހުން ދަންޖެއްސުމުން ހިނގާފާނެ ހަމަނުޖެހުމެއް ހުއްޓުވުމަށް އެމީހުން ދަންޖެއްސުމުގެ ކުރިން ބަންގްލަދޭޝް ސަރުކާރުން، ޖަލުގެ ކައިރީގައި ސަލާމަތީ ކަންތައްތައް ވަރުގަދަކުރި އެވެ. އެމީހުން ދަންޖެއްސުމަށް ފަހު އެމްބިއުލާންސްތަކެއްގައި އެމީހުންގެ ހަށިތައް ގެންދިޔައީ އެމީހުންގެ ގެއަށެވެ.

އެދެމީހުންނަށް މަރުގެ އަދަބު ދިނުމުން ޖަމާއަތޭ އިސްލާމީ ޕާޓީން ވަނީ މުޅި ގައުމުގައި މުޒާހަރާ ކުރުމަށް ގޮވާލާފައެވެ. ޖަމާއަތޭ އިސްލާމީ ގެ އިސް ދެމީހަކަށް ބަންގްލަދޭޝްގެ ސަރުކާރުން ކުރިންވެސް ވަނީ މަރުގެ އަދަބު ދީފަ އެވެ.

މަރުގެ އަދަބު ލިބުނު ދެމީހުންގެ ތެރެއިން ޗައުދަރީގެ މައްޗަށް ސާބިތުވެފައި ވަނީ އިންސާނިއްޔަތާ ހިލާފު އަނިޔާ ކުރުމާއި ރޭޕްކުރުމާއި ގަތުލު އާއްމު ހިންގުމުގެ ކުށެވެ. އަދި މުޖާހިދުގެ މައްޗަށް ސާބިތުވެފައި ވަނީ ގަތުލު އާއްމު ހިންގުމާއި ރާވައިގެން ތައުލީމީ މީހުން މެރުމުގެ ކުށެވެ.

ބަންގްލަދޭޝް މިނިވަންވި ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކުގެ މައްސަލަ ބަލަން ކަމަށް ބުނެ ބަންގްލަދޭޝް ސަރުކާރުން އުފައްދާފައިވާ ކޯޓުން އެދެމީހުންގެ މައްޗަށް ކުރި ހުކުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ތާއީދު ކުރީ މިދިޔަ ބުދަދުވަހު އެވެ. އަދި އެދެމީހުންނަށް މައާފް ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެއް ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޢަބުދުލް ޙާމިދު ވަނީ ގަބޫލު ނުކުރައްވާފަ އެވެ.