05 Apr 2011, 15:55
ދައުލަތުގެ ތިންބާރުގެ އެންމެ އިސް ފަރާތްތައް ޕެންޝަން ސްކީމުން އިސްތިސްނާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހް ހުށަހަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާއިބާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ އެހެނިހެން ފަނޑިޔާރުން ޕެންޝަން ސްކީމުން އިސްތިސްނާކުރާ، އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިއު ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމު ވިދާޅުވީ، ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ އެތައް ސަބަބުތަކެއް ހިމެނޭތީ ކަމަށެވެ.
"ގާނޫނުގައި ބުނަނީ ދައުލަތުގެ ބަޖެޓުން މުސާރަދޭ އެންމެހާ މުވައްޒަފުން ސްކީމުގައި ބައިވެރިވާން ޖެހޭނެ ކަމަށް. ނަމަވެސް މާލިއްޔަތު ކޮމިޓީން ބުނަނީ މަޖިލިސް މެންބަރުން، މުވައްޒިފުންގެ ގޮތުގައި ނުބެލެވޭނެ ކަމަށް. ސަބަބަކީ މެންބަރުންނަކީ ވަކި މުއްދަތަކަށް އިންތިހާބު ކުރެވޭ ބަޔަކަށްވެފައި އިމްތިޔާޒުގެ ބިލުގައި ވެސް މަޖިލީހުގެ މެންބަރުން ރިޓަޔާ ކުރުމަށް ފަހު ލިބޭނެ އިނާޔަތްތަކެއް ހިމަނާފައިވާތީ. ދެން ރައީސާއި ނާއިބު ރައީސްގެ އިނާޔަތްތައް ހަމަޖެހިފައިވާ ގާނޫނެއް އޮވޭ އެހެންކަމުން ދައުލަތުން މުސާރަދޭ ބަޔަކަށް ވިޔަސް އެ ބޭފުޅުން ސްކީމުގައި ބައިވެރިއެއް ނުކުރެވޭނެ. އަދި ފަނޑިޔާރުންގެ ތެރެއިން ރިޓަޔާ ކުރެއްވުމުގެ ކަންތައް ވެސް ވަނީ ހަމަޖެހިފައި، 70 އަހަރުވަންދެން އެބޭފުޅުންނަށް މަގާމުގައި ދެމިތިބެވޭ އިރު، ޕެންޝަން ލިބޭ އުމުރަކީ 65 އަހަރު،" އިސްލާހް ހުށަހެޅުއްވި ސަބަބުތައް ހާމަ ކުރައްވަމުން ނާޒިމު ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ އެ އިސްލާހަކީ މަޖިލީހުގެ މެންބަރުން، ޕެންޝަން ސްކީމުން ބަރީއަކުރަން ހުށަހެޅުއްވި އިސްލާހެއް ނޫން ކަމަށެވެ. އަދި އެއީ އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން މެންބަރުންނަށް ޕެންޝަންގެ ފައިސާ ލިބޭން އޮތުމާއި މެންބަރުންނަކީ ބޮޑު މުސާރައިގެ ބަޔަކަށްވެފައި، އެ ސްކީމުގައި ބައިވެރިވާ ނަމަ މެންބަރުންނަށް ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހި ދައުލަތަށް ބުރަ ބޮޑުވެގެންދިއުން ވެސް އިސްލާހް ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.
އެއިސްލާހާ ދެކޮޅަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، ޕެންޝަން ސްކީމަކީ ގައުމުގެ އިޖްތިމާއީ ކަންކަން ހަމައަކަށް އެޅުވުމަށް މުހިއްމު ނިޒާމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭ އިރު އެ ސްކީމުގައި މެންބަރުން ބައިވެރިވާން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
"މެންބަރުންނަކީ ރައްޔިޔުންނަށް ނަމޫނާ ދައްކަން ޖެހޭ ބަޔެއް. އެހެންވީމާ މެންބަރުންނަށް މި ސްކީމު ބޭނުން ނުވާއިރު ރައްޔިތުންނަށް ވެސް މި ސްކީމެއް ބޭނުމެއްނުވާނެ. ގާނޫނު އަސާސީގައި ހަމަހަމަކަން އޮންނައިރު އަޅުގަނޑެއް ނުދެކެން މި ސްކީމުގައި މެންބަރުން ބައިވެރިނުވެ ވަކި ސްކީމެއް ހަދަން ޖެހޭނެ ކަމަކަށް،" ކެލާ ދާއިރާގެ ޑރ. އަބުދުﷲ މައުސޫމު ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ އިލިޔާސް ލަބީބު ވިދާޅުވީ، ޕެންޝަން ސްކީމަކީ ގައުމުގެ އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމަށްޓަކައި، ރައްޔިތުން ދޮށީ އުމުރަށް ދާއިރު އެ ބޭފުޅުންގެ އަމިއްލަ ހަރަދުގައި އުޅެވޭނެގޮތް ހޯދައި ދިނުމަށް ހަމަޖެހިފައިވާ އުސޫލެއް ކަމަށެވެ. އަދި އެ ސްކީމަކީ ދަރިންނަށް ފައިސާ ނުލިބިގެން އުފެދޭ އާއިލީ ހަމަނުޖެހުމަށް އޮތް ހައްލަކަށް ވާނެކަމަށް ވެސް ވިދާޅުވި އެވެ.
"މަޖިލީހުގެ މެންބަރުން ނަމޫނާ ބަޔަކަށް ވާން ޖެހޭނެ. މެންބަރެއްގެ ދައުރަކީ ފަސް އަހަރު ކަމަށް ވިޔަސް ޕެންޝަން ސްކީމުގައި ބައިވެރިވާން ޖެހޭނެ. އަދި މެންބަރުން ކަމަށް ނުހޮވިގެން އެހެން ވަޒީފާ އަކަށް ދިއުމުން ޕެންޝަނަށް ދައްކަމުންދިޔަ ފައިސާ ކޮންޓިނިއު ކުރެވޭނެ. އުއްތަމަ ފަނޑިޔާރަށް ވެސް ސްކީމުގައި ބައިވެރިވެވެން ޖެހޭނެ." އިލިޔާސް ލަބީބު ވިދާޅުވި އެވެ.
ނަމަވެސް މި އިސްލާހަށް ތާއީދުކޮށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ ޕެންޝަނާ ބެހޭ ގާނޫނު އޮތް ގޮތުން ފަންނީ އަދި އިޖުތިމާއީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން އެތައް ބައިވަރު އިސްލާހެއް އެ ގާނޫނަށް ގެންނަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ޕެންޝަންނެގުމަށް ގާނޫނުގައި ބުނެފައިވާ އުސޫލްތަކަކީ އިސްލާމްދީނާއި ގާނޫނު އަސާސީއާ ހިލާފު އުސޫލުތަކެއްކަމަށް ވިދާޅުވެ އެ ގާނޫނު އުވާލުމަށް ވެސް މެންބަރަކު ވަނީ ގޮވައިލައްވައިފަ އެވެ.
"ޕެންޝަން ލިބޭ އުމުރަކީ 65 އަހަރު ކަމަށް މި ގާނޫނުގައި ބުނާއިރު އެހާ ދުވަސްވަންދެން ދުނިޔޭގައި ހުންނާނެކަން އެނގެނީ ކާކަށްތޯ. އެހެންކަމުން 65 އަހަރު ނުވިކަމުގައިވިޔަސް ދައުލަތުގެ ވަޒީފާއެއް އަދާ ނުކުރާކަމަށް ވަންޏާ އެމީހާގެ ޕެންޝަން އެމީހަކަށް ލިބޭ ގޮތަށް އޮންނަންވާނީ. އެމީހާ މަރުވީމަ އޭނާގެ އާއިލާ އަށް އެ ފައިސާ ލިބޭނެ ކަމުގެ ގެރެންޓީއެއް ވެސް ނޯވޭ. އެހެންނޫނީ ދުނިޔޭގައި ހުރެ، 65 އަހަރު ނުވާތީ އެ ބޭނުންކުރެވޭނެގޮތެއް ނޯވޭ. އެމީހަކަށް މާލީ ބޭނުންތެރިކަން ޖެހޭ ދުވަސްވަރު އޭނާ އެއްކުރި ފައިސާ އޭނާ އަށް ލިބޭކަހަލަ ގޮތަކަށް ގާނޫނުގައި އޮންނަން ޖެހޭނީ،" މާވަށު ދާއިރާގެ އަބުދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވި އެވެ.
ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސަ ވިދާޅުވީ، މަޖިލިސް މެންބަރުންގެ އިތުރުން ކައުންސިލަރުން ވެސް އެ ސްކީމުން އިސްތިސްނާކުރަން ޖެހޭ ކަމަށެވެ.
"ކައުންސިލަރުން ވެސް އެ ސްކީމުން އިސްތިސްނާ ކުރަން އަޅުގަނޑު ހުށަހަޅަން. ނުވަ ސަތޭކައެއްހާ ކައުންސިލަރުންނަށް ކޮންމެ މަހަކު މުސާރައިގެ ހަތް ޕަސެންޓަށްވާ ފައިސާ ޖަމާކޮށް ދިނުމަކީ ސަރުކާރަށް ކުޅަދާނަ ކަމަކަށް ނުވާނެ. ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މީހަކު ޕެންޝަން ސްކީމުގައި ބައިވެރިވާން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ ގާނޫނު ހެދިފައިވާ ގޮތުން ރާއްޖެ އެތެރެވާ ކޮންމެ ބިދޭސީއަކަށް ވެސް އެބަޖެހޭ ޕެންޝަން ސްކީމަށް ފައިސާ ދައްކަން. ތިން އަހަރު ނުވަތަ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓަކަށް އަންނަ ބިދޭސީންނަށް ފައިސާ ދައްކަން ޖެހޭތީ ކުންފުނިތައް ތިބީ ވަރަށް ހާސްކަމުގެ ތެރޭގައި. ޕެންޝަން ދެވެންޖެހޭނީ މަސައްކަތްކުރާ ކޮންމެ ދިވެހި ރައްޔިތަކަށް ކަމަށް އިސްލާހް ހުށަހަޅަން،" މޫސަ ވިދާޅުވި އެވެ.
އޭދަފުށީ ދާއިރާގެ އަހްމަދު ސަލީމު ވިދާޅުވީ، ޕެންޝަނަކީ މީހުން އަތުން ގަދަކަމުން ފޭރެމުންދާ ފައިސާއެއް ކަމަށެވެ.
" ޕެންޝަން ގާނޫނުގައިވާގޮތުން ވަޒީފާއަދާކުރާ ކޮންމެ މީހަކަށް އެބަ މަޖުބޫރުކުރޭ މުސާރައިގެ ހަތް ޕަސެންޓް ދައްކަން. ގާނޫނު އަސާސީގައި ވެސް އަދި އިސްލާމް ދީނުގައި ވެސް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރެވޭނެ. ޒަކާތަށް ދެ ޕަސެންޓް ނުނެގިގެން މިއުޅެނީ. ،މުސްކުޅިންނާ އަނެއްބަޔާ ބެލުމަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް މަޖުބޫރު ކަމެއް. މައިންބަފައިން ބެލުމަކީ ދަރިންގެ މައްޗަށް ލާޒިމުކަމެއް. އެއީ ދަރިން މައިންބަފައިންގެ މައްޗަށް އޮންނަ ލޯބި ގެއްލި ލޯބި ހުއްޓުވުމަށްޓަކައި ވިސްނުން ބަދަލުވުމަށް ހަދާފައިވާ ގާނޫނެއް. މިއީ ގަދަކަމުން ބައިވެރި ކުރުވާއެއްޗެއް. އަޅުގަނޑު މެންބަރުންނަށް ގޮވައިލަނީ މި ގާނޫނު އުވާލުމަށް،" އަހްމަދު ސަލީމު ވިދާޅުވި އެވެ.