ލުއިސް ސުއަރޭޒް ކާމިިޔާބު ކުރި ދެ ލަނޑާއެކު 4-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ސްޕެނިޝް ލީގުގެ ތާވަލްގެ އެއް ވަނައިގައި ހަމަޖެހިލައިފިއެވެ.

ރެއާލްގެ ސެންތިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެ މެޗުން ބާސެލޯނާ މޮޅުވެ 30 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލިއިރު ހަ ޕޮއިންޓް ފަރަގަކާއެކު ރެއާލް ތާވަލުގެ ދެވަނާގައި އޮތީ 24 ޕޮއިންޓާ އެކުގައެވެ.

ތިންވަނަގައި އެތްލެޓިކޯ މެޑްރިޑް އޮތީ 23 ޕޮއިންޓާ އެކުއެވެ.

ލަނޑުޖެހުމަށްފަހު ސުއަރޭޒު އުފާފާޅުކުރަނީ: އޭނާ ވަނީ މެޗުގައި ދެ ލަނޑު ކަމިޔާބުކޮށްފައި ---- ފޮޓޯ: އޭޕީ

ބާސާގެ ފުރަތަމަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ބާސާގެ ސާޖިއޯ ރޮބާޓޯ ރެއާލްގެ ހާފްތެރެއިން ސުއަރޭޒަށް ދިން ދިގު ޕާހަކުން ޕެނެލްޓީ އެރިއާ ތެރޭގައި ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މެޗްގެ ކުރީކޮޅުގައި ވަނީ ލީޑް ނަގާފައެވެ.

ފުރަތަމަ ހާފްގައި ރެއާލަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން ތިން ވަނަ މިނެޓްގައި ރޮނާލްޑޯ ބާސާގެ ޕެނެލްޓީ އޭރީއާ ތެރެއިން ގޯލްކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ކީޕަރު ކައިރިއަށް ނެގުމުން ބޯޅަ ލިބުނީ ސީދާ ބާސާގެ ކީޕަރު ކްލައުޑިއޯ ބްރާވޯއަށެވެ.

ފުރަތަމަ ހާފް ނިމެނިކޮށް ބަސާގެ ދެވަނަ ގޯލް ކާމިޔާބު ކުރީ ނޭމާއެވެ.

ރޮނާލްޑޯ ފޮނުވާލަން މަސައްކަތް ކުރި ހަމަލާއިން ބާސާގެ ކީޕަރު ބްރާވޯ ދިފާއު ކުރަނީ ---- ފޮޓޯ: އޭޕީ

މެޗްގެ 39 ވަނަ މިނެޓްގައި އިނިއެސްޓާ ތަަނަވަސް ކޮށްދިން ފުރުސަތަކުން ބާސާގެ ޕެނަލްޓީއޭރިއާ ތެރޭގައި ހުރެ ނޭމާ ފޮނުވާލި ބޯޅަ ދިޔައީ ރެއާލްގެ ކީޕަރު ކޭލޯ ނާވަސްގެ އަތް ދަށުން ގޯލްގެ ތެރެއަށެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތު ތެރޭގައި ސުއަރޭޒަށް ވަނީ ބާސާގެ ލީޑް ފުޅާ ކުރުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެެ. ނޭމާ ޑަސިލްވާ ރެއާލްގެ ގޯލްކައިރީގައި ހުރެ ނަގައިދިން ބޯޅަ ސުއަރޭޒް ގޯލަށް ފޮނުވާލިއިރު ގޯލް ރޮނގުމަތީގައި ހުރި ރެއާލްގެ މާސެލޯ ވަނީ ބޮލުން ދިފާއު ކޮށްފައެވެ.

ދެވަނަ ހާފްގައި ބާސާއަށް ލީޑް ފުޅާކޮށްދިނީ ރެއާލްގެ ޕެނަލްޓީ އޭރިއާ ކުރިމަތީގައި ހުރެ ނޭމާ ފުންނާބުން ބާސާގެ އަންދުރޭ އިނިއެސްޓާއަށް ދިން ބޯޅަ ގޯލްގެ މަތީކަނަށް ވައްދާލައިގެންނެވެ.

ރެއާލްގެ ޑިފެންސްލައިނުން ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ސުއަރޭޒް ވަނީ 14 ވަނަ މިނެޓްގައި ބާސާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެ ގޯލް ސުއަރޭޒް ޖެހީ ޖޯޑީ އަލްބާ ތަނަވަސްކޮށް ދިން ޕާހަކުންނެވެ.

ބާސާގެ ކުޅުންތެރިން އުފާފާޅުކުރާއިރު ރޮލާންޑޯ ދަނޑުމަތީގައި ހުއްޓިލައިގެން ---- ފޮޓޯ: އޭޕީ

މެޗްގެ 84 ވަނަ މިނެޓްގައި ނޭމާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވާނީ ރެއާލްގެ އިސްކޯއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.