21 Nov 2015, 23:11
ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ އެކްސްރޭ ނެގުމަށް ޓަކައި ދޫނިދޫއަށް އެކްސްރޭ މެޝިނެއް ގެންގޮސްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިރޭ "ސަން" އަށް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އިސްމާއިލް ވިދާޅުވީ ކުރީގެ ނައިބު ރައީސް އަދީބުގެ އެކްސްރޭ ނެގުމަށް އެކްސްރޭ މެޝިނު ދޫނިދޫއަށް ގެންދިޔަ ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ އަލަށްކުރި ކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް ހައްޔަރުގައި ތިބި ބައެއް މީހުންގެ އެކްސްރޭ ނެގުމަށް އެކްސްރޭ މެޝިނު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
އެކްސްރޭ މެޝިނު ދޫނިދޫއަށް ގެންދިޔައީ އަދީބުގެ އެކްސްރޭ ނެގުމަށް ޑޮކްޓަރު ލަފާ ދެއްވުމުން ކަމަށް ވެސް އިސްމާއީލް ވިދާޅުވި އެވެ.
"ޚަރަދު ކުޑަ ލުއި ފަސޭހަ ގޮތަކަށް ކަންކަން ކުރެވޭތޯ ބަލަމުން މިދަނީ. މީގެކުރިން ވެސް ހުންނާނެ އެކްސްރޭ މެޝިނު ގެންގޮސްފައި. ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުގައި ހުންނެވި އިރު ވެސް އެކްސްރޭ މެޝިނެއް ވާނީ ގެންގޮސްފައި އެމަނިކުފާނުގެ އެކްސްރޭ ނެގުމަށް،" އިސްމާއީލް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން އަދީބު ހައްޔަރުކޮށްފައިވާއިރު އެމަނިކުފާނު ފިސްތޯލައެއް ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ފޮނުވާފަ އެވެ.