21 Nov 2015, 20:20
އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ހުންނަ އާގަލާ މާޓް ނަމަކަށް ކިޔާ ފިހާރައެއްގެ ކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ހިނގާފައި ދިޔަ މީހާއަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިރޭ "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިރޭ 7:10 އެހާކަންހާއިރު ކަމަށެވެ.
ހިނގާފައި ދިޔަ މީހާއަށް އަނިޔާތަކެއްވި ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ މިރޭ "ސަން" އަށް ވިދާޅުވީ ހިނގާފައި ދިޔަ މީހަކީ އުމުރުން 68 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާގެ މޫނު މަތި މަށައިގެން ގޮސް މޫނުގެ އެކިތަންތާނގައި ޒަޚަމްތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހަފްސާ ވިދާޅުވި އެވެ.
ހަފްސާ ވިދާޅުވީ ސައިކަލު ދުއްވަން އިނީ ޒުވާން އުމުރު ފުރައިގެން ކުއްޖެއް ކަމަށާއި އޭނާގެ ވެސް ބުރަކަށްޓަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވީ ނަމަވެސް އޭނާގެ ހާލުވެސް ސީރިއަސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.