21 Nov 2015, 19:23
ސުޕެޝަލް އިކޮނޮމިކު ޒޯން (އެސްއީޒެޑް) އޮފީހުގެ ދެ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިކޮނޮމިކު މިނިސްޓުރީން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވަނީ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ގާނޫނުގެ ދަށުން ރިޕޯޓުކުރާ މިނިސްޓްރީއަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގައި ހަމަޖެއްސެވުމާ ގުޅިގެން، އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓްގެ ސެކްރެޓޭރިއަޓް ބަލަހައްޓާ މިނިސްޓްރީއަކީ އެ މިނިސްޓުރީ ކަމަށެވެ.
އެގޮތުން ސެކްރެޓޭރިއަޓްގެ މަސައްކަތްތައް ހިންގުމަށް ޑިރެކްޓަރ، އިންވެސްޓަރ ރިލޭޝަންސް އެންޑް ބިޒްނަސް ފެސިލިޓޭޝަން ސެކްޝަނުގެ އިތުރުން ޑިރެކްޓަރ، ލީގަލް އެފެއާޒްގެ މަގާމަށް މީހުން ބޭނުންވާ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އިކޮނޮމިކު މިނިސްޓުރީން ބުނީ އެ ވަޒީފާތަކާ ގުޅޭ ޓާމްސް އޮފް ރިފަރެންސް އެ މިނިސްޓުރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 1:00 ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އެސްއީޒެޑް ބޯޑުގެ ޗެއާމަނަކަށް ރައީސް އަބްދުﷲ ޔާމީން މިހާރު ހަމަޖައްސަވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ކުރިން އެމަގާމު ފުރުއްވަމުން ގެންދެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރެވެ. އަދި އޭރު މިނިސްޓަރު ސައީދު ފުރުއްވަމުން ގެންދެވީ އެ ބޯޑުގެ ވައިސް ޗެއާމަންގެ މަގާމެވެ.