21 Nov 2015, 19:05
ފުލުހުން މިހާރު ތަހުގީގުކުރަމުންދާ، ޓުއަރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ވިއްކި ރަށްތަކުން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމާއި އަދި އެމައްސަލައާއި ގުޅުންހުރި މަނީ ލޯންޑްރިންގ ގެ މައްސަލައެއްގެ ތުުހުމަތުގައި އިއްޔެ ހައްޔަރު ކުރި މ. ޝުރާމަންޒިލް ހާމިދު އިސްމާއިލްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ހާމިދުގެ ބަންދުގެ މުއްދަތު އިތުރުކުރީ ދޫނިދޫގައި ބަހައްޓައިގެން ނެވެ.
ހާމިދު އިއްޔެ ހައްރުކޮށްފައި ވަނީ އޭނާކުރިން ބަންދުކޮށްފައި ހުރި މައްސަލައިގެ ތަހުގީގު ނިމި އެމައްސަލާގައި އިތުރަށްބަންދުގައި ބަހައްޓަން ޖެހޭ ތަނެއް ނެތްކަމަށް ނިންމައި އެމައްސަލައިގެ ބަންދުން ދޫކޮށްފައި ވަނިކޮށެވެ.
ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީއަށް ލީސްކުރި ރަށްތަކުގެ ތެރެއިން ރަށެއް އެމްއެމްޕީއާރްސީން ވިއްކުމަށްފަހު އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީ އަށް ލިބެންޖެހޭ ފައިސާ އެކުންފުނީގެ އެކައުންޓަށް ނުވަތަ ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއެއްގެ އެކައުންޓަށް ޖަމާކުރުމެއް ނެތި ހާމިދު އިސްމާއިލްގެ މަސްލަަހަތު އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެފައިސާ އެމައްސަލައާ ގުޅުންހުރި މީހުންގެ މަސްލަހަތު އޮންނަ ކުންފުނިތަކުގެ އެކައުންޓުތަކަށާއި އެހެނިހެން އެކައުންޓްތަކަށް ޓްރާންސްފަރ ކޮށްފައިވާކަމަށް ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭކަމަށެވެ.
ހާމިދު އިސްމާއިލްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރްސީ އަށް ރަށްތައް ވިއްކައިގެން ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރި ވުމުގައި ބައިވެރިވެ އެހީތެރިވުމުގެ ތުހުމަތުގެ އިތުރުން އެފައިސާ ހީލަތްތެރި ގޮތެއްގައި އެކިއެކި އެކައުންޓްތަކަށް ޖަމާކޮށް އޮޅުވާލައިގެން މިމައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތްތަކަށް އެފައިސާ ލިބޭނެ މަގުފަހިކޮށްފައިވުންވެސް ހިމޭނޭކަމަށް ރިޔާޒު ވިދާޅުވި އެވެ.
އަދި އެމްއެމްޕީއާރްސީން އެކި ފަރާތްތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ތެރޭގައި ހާމިދު އިސްމާއިލްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެެހެން ފަރާތްތަކަށް ދޫކުރެވުނު ރަށްތަކާއި ފަޅުތަކުން ނެގުނު ފަދަ އިކުއިޒިޝަން ކޯސްޓެއް ނެގުމެއް ނެތި ދައުލަތަށް އެކަށީގެންވާ މަންފާއެއް ނުލިބޭ ގޮތަށް ފަޅެއް ދޫކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށާއި އެމައްސަލަތައްވެސް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހްގީގުކުރަމުންދާ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.
މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނާގޮތުން މަނީލޯންޑަރިންގެ ކުށެއްކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ ކުށުގެ އަމަލުހިންގުމަށް ބޭނުންކުރި ފައިސާގެ އަދަދުގެ ފަސްގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.
އެ ގާނޫނުގައި ބުނެފައި ވަނީ މަނީލޯންޑަރިންގެ ކުށެއް ކުރުމަށް އުޅުމާއި ނުވަތަ އެކުށް ކުރުމަށް އެހީތެރިވެދިނުމާއި ނުވަތަ މަގުފަހިކޮށްދިނުމާއި ނުވަތަ މަގުފަހިކޮށްދިނުމަށް ހިތްވަރުދިން މީހެއްގެ އަދަބަކީ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ދެ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ. އެ އަދަބު ނޫންނަމަ ކުށުގެ އަމަލުހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ދެ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައި ވެއެވެ.