21 Nov 2015, 19:19
ގައުމީ ފިރިހެން ވޮލީބޯޅަ ލީގުގެ ފުރަތަމަ ދެ މެޗު މޯލްޑިވިއަން ރިކްރިއޭޝަން ކްލަބާއި ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކޮށްފަ އެވެ.
މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓްގައި ކުޅޭ އެމުބާރާތުގައި ޖުމްލަ ފަސް ޓީމް ބައިވެރިވެއެވެ. އެ ޓީމްތަކަކީ ސްޕޯޓްސް ކްލަބް ސިޓީއާއި ގްޑީސް ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވިއަން ރިކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބެވެ.
އެ މުބާރާތުގެ ފުރަތަމަ މެޗު އިއްޔެ ހަވީރު މޯލްޑިވިއަން ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ސިޓީ އަތުން ސީދާ ތިން ސެޓުންނެވެ. މޯލްޑިވިއަން އިން ސެޓުތައް ގެންދިޔައީ 25-11، 25-23 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ އޮމިދު ނާޒިމް ގުލް އެވެ.
ދެ ވަނަ މެޗު ސިފައިން ކާމިޔާބުކުރީ ރޭ ގުޑީސް ސްޕޯޓްސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ސިފައިން ސެޓުތައް ގެންދިޔައީ 25-21، 25-22 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ޓީމުގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ.
ލީގްގެ ކުޅުން މިއަދު ވެސް ކުރިއަށްދާނެއެވެ. މިއަދު ކުޅޭ ފުރަތަމަ މެޗަގައި މޯލްޑިވިއަން ރިކްރިއޭޝަން ކްލަބާއި ދެކޮޅަށް ނިކުންނާނީ ޕޮލިސް ކުލަބެވެ. ދެވަނަ މެޗްގައި ދިވެހި ސިފައިންގެ ކްލަބާއި ވާދަކުރާނީ ސްޕޯޓްސް ކްލަބް ސިޓީއެވެ.